އޮފީހުގައި ބުރަ ދުވަހަކަށްފަހު ގެއަށް އައިސް އެކަނި މާއެކަނި އޮވެ ފިލްމެއް ނުވަތަ ސީރީޒްއެއް ބަލާލުމަކީ އެންމެ ހިތްއެދޭ ގޮތަށް ވެދާނެ އެވެ.
އެހެން ނަމަވެސް އެއީ އާއްމުކޮށް ކުރެވޭ ކަމެއް ނަމަ އެ ކަމުގެ ސަބަބުން ތިބާގެ އުމުރުން އަހަރުތަކެއް އުނިވުން އެކަށީގެންވާ ކަމަށް މާހިރުން ވަނީ ބުނެފަ އެވެ.
ސަބަބަކަށް ވަނީ ތިބާގެ ކެއިންބުއިމެއް ނޫނެވެ. ނުވަތަ ކަސްރަތު ކުރުމެއް ވެސް ނޫނެވެ. އެހެނެއް ކަމަކު އެއީ އިޖުތިމާއީ ގުޅުންތަކުން އެކަހެރިވުމުގެ ނަތީޖާ އެވެ.
2023 ވަނަ އަހަރު ހެދި ދިރާސާއަކުން އެނގުނު ގޮތުގައި އެކަނިވެރިކަމަކީ ދުވާލަކު 15 ސިނގިރޭޓު ބުއިމުން ސިއްހަތަށް ލިބޭ ގެއްލުމާ އެއްވަރުގެ ގެއްލުމެއް ލިބޭ ކަމެކެވެ.
އެހެން ކަމުން އެކަނިވެރިކަމުން ދުރުވެ އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރަން މަސައްކަތް ކުރުމަކީ ހަމަ ކޮންމެ މީހަކު ވެސް ކުރަން ޖެހޭނެ ކަމެކެވެ.
އެންމެ ފުރަތަމަ ވެސް ތިބާގެ "ސޯޝަލް ސާކަލް" އިތުރު ކުރުމަށްޓަކައި ބަދަލު ކުރަން ޖެހޭނީ ތިމާގެ ފިކުރެވެ. އަމިއްލައަށް އުޅުމުގެ ފިކުރު ދޫކޮށް އެހެން މީހުންނާ އެކުވެ އުޅުމުގެ ހިޔާލު ގެންގުޅެންޖެހެ އެވެ.
އެއަށްފަހު ދެން ތިމާއާ އެއް ހިޔާލާތުގެ މީހުން ފާހަގަކޮށް އެފަދަ މީހުންނާއެކީ ގިނަ ވަގުތު ހޭދަކުރުމުން ތިބާގެ ވިސްނުން ތޫނުވެ ސިކުނޑި ހުޅުވިގެންދެ އެވެ.
އެގޮތުން އެފަދަ މީހުންނާއެކު އެކި ކަންކަމުގައި ބައިވެރިވުމާއި ދިރިއުޅުމުގެ ތަޖުރިބާތައް ހިއްސާ ކުރުމަކީ ގުޅުން ވަރުގަދަވާނެ ކަންކަމެވެ.
ނަތީޖާއަކަށްވަނީ ތިމާއާ ގުޅޭ ރަނގަޅު ރައްޓެެހިން ހޯދުމަށް އެހީވެދީ އުމުރަށް ދިގުދެމިގެންދާނެ ވަރުގަދަ ރަހުމަތްތެރިކަމެއް އުފެދިގެން ދިއުމެވެ.
އެކުވެރިކަމާއި ރަހުމަތްތެރިކަމަކީ އިންސާނުންގެ ފިތުރަތުގައިވާ ޒަރޫރަތަކަށްވާއިރު އެކަމުން ދުރުވެ އެކަނިވެރިކަމުގައި ވަގުތު ހޭދަކުރުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫނެވެ.