މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓް ކެނޑުނުތާ އެތައް ގަޑިއިރެއް ފަހުން އެ ސަރަހައްދުތަކަށް ކަރަންޓް ދީފި އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އޭގެ އެތައް ގަޑިއިރެއްފަހުން މައްސަލަ ދެނެގަނެ ވަނީ ކަރަންޓް ދީފަ އެވެ. މިރޭ ކަރަންޓް ދިޔައީ މާލޭގެ ހެންވޭރާއި މާފަންނުގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުންނެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ވެސް ކަރަންޓް ކެނޑުނެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ އެސްޓީއޯ ޓަވަރަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާގުޅިގެން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިއަދު މެންދުރު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސްޖިދު ހަސަން އާދަމް އިން ވެސް ކަރަންޓް ކެނޑިފަ އެވެ.