އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަގާމުން ވަކިކުރުމާމެދު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން ގޮތެއް ނިންމާނެކަން ހާމަވެއްޖެ އެވެ.

އަބްދުއްރަހީމް އަކީ މިހާރުގެ މަޖިލިސް ރައީސްގެ މަގާމުފުރުއްވާ ބޭފުޅާ އެވެ. ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވީ ވެސް އަބްދުއްރަހީމެވެ.

މޮޅެތި ގޮތްގޮތަށް ހިސާބުޖެއްސެވުމަށް ވެސް މޮޅު އަބްދުއްރަހީމް ރައީސް މުއިއްޒުގެ ދިފާއުގައި އޭރު ހުންނެވި ނަމަވެސް މި ދެ ބޭފުޅުންގެ މެދުގައި އޮތް ގުޅުން ގޯސްވެފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

އަބްދުއްރަހީމް އާއި ރައީސް މުއިއްޒުއާ ދެ ބޭފުޅުންގެ މެދުގައި އޮތް ގުޅުން ގޯސްވެފައި ވަނީ ދެބޭފުޅުންގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކެއްގެ ސަބަބުން ކަމަށް އެނގިފައިވެ އެވެ. އަދި އޭގެ ތެރެއިން ރައީސް މުއިއްޒު ވަނީ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް އެއްވެސް ސަބަބެއް ހާމަކުރުމަކާ ނުލައި މަގާމުން ވަކިކޮށްފަ އެވެ.

އަބްދުއްރަހީމްގެ ދަރިކަލުން މަގާމުން ވަކި ކުރިހިސާބުން މި ބޭފުޅުންގެ މެދުގައި އިތުރަށް މައްސަލަ ގޯސްވި އެވެ. އެގޮތުން ޕީއެންސީން ބާޢްވާ ހަރުގެ ޖަލްސާތަކަށާއި ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުތަކުގައި ވެސް އަބްދުއްރަހީމް ބައިވެރިނުކުރައްވަ އެވެ.

ނަމަވެސް މިހާރު އަޑުތައް އިވޭގޮތުން އަބްދުއްރަހީމްގެ މަޖިލިސް ރައީސްގެ ގޮނޑިކޮޅު ވެސް ގެއްލުމާ ގާތަށް މިވަނީ ޖެހިލައިފަ އެވެ. އެގޮތުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު އަބްދުއްރަހީމަށް މަޖިލީސް ރައީސްގެ ގޮނޑި ދޫކޮށްލަން މަޖުބޫރު ކުރުވާނެ އެވެ. އަދި މިހާރު ވެސް އެކަމުގެ މަޝްވަރާތަށް ޕީއެންސީގެ އިސް ފަރާތްތަކުން ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް ދެ ބޭފުޅެއްގެ މަގާމު ގެއްލޭނެ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެވެ. އަދި މަގާމު ގެއްލޭ އަނެއް ބޭފުޅަކީ މިހާރުގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ޝައީދު އެވެ.

މި ސަރުކާރު އައިފަހުން އަބަދުވެސް ފެންނަމުން ދަނީ މަތިފަޑީގެ މަގާމުތަކަށް ބަދަލުތައް ގެންނަމުން އަންނަ ތެނެވެ. އެގޮތުން ދާދި ފަހުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިއްބެވި އެމްޑީން ނާއި ޑީއެމްޑީގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.