ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ޖަލު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

ޑޮކްޓަރުންގެ ލަފާގެމަތިން ރަނިލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާކަން ޖަލު ތަރުޖަމާނު ވަނީ ކަށަވަރުކޮށްދީފަ އެވެ. ރަނިލްގެ ވަކީލުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ހިތުގެ މައްސަލައާއި ހަކުރު މައްޗަށް ދިއުމުގެ މައްސަލަ ހުންނާތީ އެވެ.

ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)އިން ރަނިލް އިއްޔެ ހައްޔަރުކުރީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ރައީސް ކަމުގެ މަގާމުގައި ހުންނެވިއިރު، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި ދައުލަތުގެ ފައިސާ ބޭނުން ކުރެއްވި ކަމަށެވެ.

ރަނިލް ވިކްރަމަސިންހަ ވަނީ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ސްރީލަންކާގެ ރައީސްކަން ކުރެއްވާފަ އެވެ. 2022 ވަނަ އަހަރު ރަނިލް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ އޭރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަ ބޮޑުވެ ރައްޔިތުންގެ މުޒާހަރާތައް ހޫނުގެ ގޮތަބަޔަ އިސްތިއުފާ ދެއްވުމާއި ހުޅުގެންނެވެ.