ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ހަނިމާދޫގައި ގެދޮރުއެޅުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފި އެވެ.

ހިރިމަރަދޫ ރައްޔިތުންނާ ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހިރިމަރަދޫގައި ހުރި ކޮންމެ ގެއެއްގެ ބަދަލުގައްޔާއި އަދި އެ ރަށުން ދޫކޮށްފައިވާ ކޮންމެ ގޯއްޗެއްގެ ބަދަލުގައި ހަނިމާދޫގައި ގެއެއް އަޅައިދޭނެ ކަމަށެވެ. އަދި ގޯތީގައި ގެ އިމާރަތްކޮށްފައި ނެތްނަމަވެސް ސަރުކާރުން އެ ގޯތީގެ ބަދަލުގައި ހަނިމާދޫގައި ގެއެއް އަޅައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަނިމާދޫގައި ދިރިއުޅުން އަލުން ފެށުމަށް ވެދޭ އެހީއެއްގެ ގޮތުގައި ކޮންމެ ގެއަކަށް ފައިސާގެ އެހީއެއް ވެސް ސަރުކާރުން ދޭނެ ކަމަށެވެ.

އެޗްޑީސީއާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ހުރިހާ ގެއެއް ދެ އަހަރުގެ ތެރޭގައި އިމާރާތްކޮށް އެ ސަރަހައްދުގެ އިންފްރާސްޓްރަކްޗާތައް ގާއިމްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.