ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ ކޯލް އޮފް ޑިއުޓީ މޯބައިލް މިނީ ސީރީޒް 2 އަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިރޭ 10:00 އަށް އިތުރުކޮށްފި އެވެ.

ގޭމް ކުޅުންތެރިންގެ މެދުގައި މަގުބޫލް ކޯލް އޮފް ޑިއުޓީގެ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. މި މުބާރާތް ކުރިއަށްދާނީ އޮންލައިންކޮށެވެ. މި މުބާރަތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައެޅިފަ އެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ގޭމް ކުޅުންތެރިންނަށް dgg.mv މެދުވެރިކޮށް ރަޖިސްޓަރީކުރެވޭނެ އެވެ.

ދާދި ފަހުން ޑީޖީޖީއިން ވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިންގް މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) ކާމިޔާބުކަމާއެކު ނިންމައިލައިފި އެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1500އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިންގ ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.