ިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އެއްގަމު މަގުން ދެމުންދާ ހަމަލާތައް އިތުރު ކުރުމާއެކު، ޣައްޒާގެ އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހިއްޖެ އެވެ.

އިޒްރޭލުން ޣައްޒާ ހިފުމަށް މަސައްކަތް ފެށި ދުވަސްވަރު ޣައްޒާގެ ރައްޔިތުން ސަރަހައްދު ދޫކޮށް ނުދިޔުމަށް ތިބި ނަމަވެސް މިހާރު އިޒްރޭލުން ދެމުންދާ ހަމަލާތައް އިތުރުކޮށް އެތައް ބައެއްގެ ފުރާނަ ނަގާލަމުން ދިއުމާއި ގުޅިގެން ރައްކާތެރިކަން ހޯދުމަށް ގިނަ ބަޔަކު ދަނީ ފަލަސްތީނުގެ ދެކުނަށް ހިޖުރަ ކުރަމުންނެވެ.

އަންގާރަ ދުވަހު އެކަނިވެސް އިޒްރޭލުން ވަނީ ޣައްޒާގެ ގިނަ ބަޔަކު ޝަހީދުކޮށްލާފަ އެވެ. އޭގެތެރޭގައި ރައްކާތެރި ސަރަހައްދަކަށް ދަތުރުކުރަމުންދިޔަ އުޅަނދަކަށް ހަމަލާދީ 91 މީހުން ޝަހީދުކޮށްލާފައި ވެއެވެ.

މީގެ އިތުރުން އާއްމުން ދިރިއުޅޭ 17 އިމާރާތަކަށް ހަމަލާދީ ބިމާ ހަމަކޮށްފައިވާއިރު، ތުއްފާ ސަރައްހަދުގައި ހުންނަ މިސްކިތެއްވެސް އިޒްރޭލު ސިފައިން ވަނީ ސުންނާފަތިކޮށްލާފަ އެވެ.

ދުނިޔޭގެ އެތައް ގައުމަކުން އިޒްރޭލުގެ މިއަމަލުތައް ކުށްވެރިކުރަމުން ދާއިރު، އިޒްރޭލުން ޣައްޒާއަށް ދަނީ ބޮމުގެ ވާރޭ އޮއްސަމުންނެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ދެކުނާއި އިރުމަތީގެ ސިޓީ ތަކުގައި ގޮވާ ރޮބޮޓް ބޭނުންކޮށްގެ ތަންތަނަށް ހަމަލާދީފަ އެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ އަނިޔާވެރިކަމުގައި މިހާތަނަށް 64964 މީހަކު ޝަހީދުކޮށް، ޣައްޒާގެ ބޮޑުބައެއް ސުންނާފަތިކޮށް އެތައް މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލުވާލާފަ އެވެ.