އަންނަ މަހުގެ ތިން ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ބޮޑު މުޒާހަރާއަށް، ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި ބެނާތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ވެސް ފަށައިފި އެވެ.
މާލޭ ސިޓީގެ ޑެޕިޔުޓީ މޭޔަރުގެ މުހައްމަދު އަރީޝްގެ އެންގެވުމަށް މާލޭގައި ހަރުކޮށްފައިވާ އެމްޑީޕީގެ ބެނާތައް ވަނީ ސިޓީ ކައުންސިލްގެ މުވައްޒަފުން ނަގާފަ އެވެ.
އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ވަނީ އުސޫލުން ބޭރުން ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި އިޝްތިހާރު ކުރުމަށް ހަރުކޮށްފައިވާ ބެނާއާއި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހުއްދަ ނުނަގައި ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ބެނާއާއި ޕޯސްޓަރު ހަރުކުރުމަކީ މަނާ ކަމެއްކަން ހަނދާންކޮށްދޭ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ ސަރަހައްދުތަކުގައި ބެނާ ހަރުކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަނުގެ ހުއްދައަށް އެދުމުން އޮންނަ އުސޫލުގެ ތެރެއިން ފުރުސަތު ދޭނެ ކަމަށް އެޗްޑީސީގެ އިއުލާނުގައިވެ އެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެކެވެ.
އެނގިފައިވާގޮތުގައި އެމްޑީޕީއަށް ބެނާތައް ދެމުމުގެ ފުރުސަތު ނުދިނުމަށް ވެރިކަންކުރާ ޕީއެންސީން ވަނީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރަށާއި އެޗްޑީސީގެ އިސްވެރިންނަށް އަންގާފަ އެވެ.
ބެނާތައް ނަގަން ސިޓީ ކައުންސިލާއި އެޗްޑީސީން ދައްކާ ބަހަނާ އަކީ ހުއްދަ ނުނަގައި ހަރުކޮށްފައިވުމެވެ. އެކަމަކު ހުއްދައަށް އެދުމުން ހުއްދައެއް ނުދެ އެވެ. ހުއްދަ ނުދިނުމަކީ އެ ދެ ތަނަށް ލިބިގެންވާ އިހްތިޔާރެއް ނޫނެވެ. ސިޔާސީ ކަންކަމަށް ބެނާތައް ދެމުމުގެ ހުއްދަ ދިނުމަކީ ސިޔާސީ ޕާޓީތައް ރާއްޖެއަށް ތައާރަފްވީއިރުން ފެށިގެން ވެސް ކުރަމުން އަންނަ ކަމެކެވެ. އެއީ އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ވެސް ކުރުން މަނާކޮށްފައިވާ ކަމެއް ނޫނެވެ.