ގިނަ އަދަދެއްގެ މުދާ ރާއްޖެ އެތެރެކޮށް ހޯލްސޭލްކޮށް ވިއްކާ ލިލީ އެންޓަޕްރައިޒަސްގެ ބާޒާރުމަތީ ފިހާރައިގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ބީއެޗްއެމްގެ ކުރިމަތީ ހުންނަ "ލިލީ އެފްއެންބީ ސަޕްލައި ބާޒާރު 1"ގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:00 އެހާކަންހާއިރު ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފަޔާ އެންޑް ރެސްކިއުއިން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 2:39 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި ލިލީ ފިހާރައިގެ ގިނަ މުދަލަށް ގެއްލުންވެ، ފުރާޅުން ބައެއް ވެއްޓިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ސަރަހައްދުގައި އަލިފާން ނިއްވުމަށް ހަރަކާތްތެރިވި ސިފައިންގެ މީހަކު ހާލު ދެރަވެގެން ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.