ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންދުކުރި އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް އެ ރިސޯޓު ހިންގާ ކުންފުނިން އެއްބަސްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގަ ބުނީ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މި އަހަރު ނިމުމުގެ ކުރިން އަލުން ހުޅުވަން އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމަންޓުން އެއްބަސްވީ ސަރުކާރުން އެ ކުންފުންޏާ އެކު ކުރި މަޝްވަރާތަކަކަށް ފަހު ކަމަށެވެ.

އެ ރިސޯޓް އަލުން ހުޅުވަން ބާރު އެޅުމުގެ ގޮތުން، އެ ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ދޫކޮށްލާފަ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެފައި ވަނީ ޝަންގްރިއްލާ ރިސޯޓް އަލުން އޮޕަރޭޝަނަށް ގެންނަން ހިނގާ މަރާމާތަށް 25 މިލިއަން ޑޮލަރު ހޭދަވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޝަންގްރިއްލާ އަލުން ހުޅުވަން ޝަންގްރިއްލާ އާއި އައްޑޫ އިންވެސްޓްމަންޓުން އެެއްބަސްވެފައިވާތީ އެ ދެ ކުންފުންޏަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެ ރިސޯޓަކީ އެތަން ބަންދުކުރުމާ ހަމައަށް 500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރި ރިސޯޓަކަށް ވާތީ، އެތަން އަލުން ހުޅުވުމުން އައްޑޫގެ އިގުތިސާދަށް ކުރިއެރުން އަންނާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާއަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ.