ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން އުފައްދާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލައިފި އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ. އެއީ ފަސް އަހަރުގެ މުއްދަތަކަށް ނަގާ މަގާމުތަކެކެވެ.

މަޖިލީހުން ބުނީ އެ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލެވޭނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކަމަށެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަނާ އެކު އިގްރާރާއި ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި އެ ފަރާތެއްގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.

މަގާމުގެ ޝަރުތުތައް:

  • އުމުރުން 30 އަހަރުވެފައިވާ ދިވެއްސަކަށްވުން.
  • ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާ ދާއިރާއިން 5 އަހަރުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް ނުވުން.
  • އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން.
  • ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން.
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން.
  • މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުން.
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުން.
  • ހިޔާނާތުގެ ނުވަތަ ރިޝްވަރުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން.
  • ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުން.

މީޑިއާތަކުގެ މެދުގައި ވޯޓު ނަގައިގެން އިންތިހާބުކުރާ މެމްބަރުންގެ އިންތިހާބު ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

އެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 353 މީޑިއާއަކަށެވެ.