ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު، މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ ކޮރަޕްޝަންގެ އިތުރު މައްސަލައެއް ފަޅާއަރައިފި އެވެ.

އަލަށް ފަޅާއެރި މައްސަލައަކީ މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު، މާލޭ ރޯމަސް މާރުކޭޓު މަތިން އެއްބަސްވުމަކާއި ނުލައި ތިން ފިހާރަ އަކާއި ލޭބާ ކުއާޓާއެއް ދޫކުރި މައްސަލަ އެވެ.

މިކަން ފަޅާއެރީ ސިޓި ކައުންސިލްގެ ހާބާ އެންޑް މާކެޓު މެނޭޖްމަންޓު ސެކްޝަނުން ހިންގި އިންސްޕެކްޝަނަކުންނެވެ. އެތަންތަން ދޫކޮށްފައި ވަނީ އެއްވެސް އެއްބަސްވުމެއް ނެތި އެވެ.

ސިޓީ ކައުންސިލްގެ އިންސްޕެކްޝަނުން ހާމަވިގޮތުގައި ފުރަތަމަ ފަންގިފިލާގެ ތިން ފިހާރަ އަކާއި ދެވަނަ ފަންގިފިލާގެ އެއް ފިހާރަ ހިންގަނީ އެއްބަސްވުމެއް ނެތި އެވެ. މިކަން ފާހަގަކޮށް މާރުކޭޓު ސެކްޝަނުން ކައުސިލް ބިއުރޯއަށް ފޮނުވި މެމޯގައި ބުނެފައިވަނީ، މި ފަސް ތަން ހިންގާ ފަރާތްތަކުން ދައްކަން ޖެހޭ ކުލި ވެސް ނުދައްކާ ކަމަށެވެ. މިއީ ކަނޑައެޅިގެން ވަކި ބަޔަކަށް ނާޖާއިޒް މަފްފާތަކެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެކެވެ.

މުއިއްޒުގެ މޭޔަރު ކަމުގައި އެއްބަސްވުމަކާ ނުލައި، ދޫކުރި ފިހާރަތައް

ފުރަތަމަ ފަންގިފިލާގެ ހަތަރު ނަމްބަރު ފިހާރަ: ހއ. ތަކަންދޫ، އެންދެރިމާގެ، އަބްދުލް ލަތީފު ގާސިމް.

ފުރަތަމަ ފަންގިފިލާގެ ފަސް ނަމްބަރު ފިހާރަ އަދި ދެވަނަ ފަންގިފިލާގެ ލޭބާ ކުއާޓާ: ގ. ސައުތުބްރީޒް، ހަސަން ފަޔާޒް.

ފުރަތަމަ ފަންގިފިލާ ޓިނު ގުދަން ފިހާރަ: ތ. ތިމަރަފުށި، އަސަރީގެ، މުހައްމަދު ރަޝާދު އާދަމް.

އާންމުގޮތެއްގައި މިފަދަ ގޮތަކަށް ތަންތަން ދެނީ ރިޝްވަތުގެ ގޮތުގައި ވެރީންނަށް ފައިސާ ލިބޭގޮތަށެވެ. މިފަދަ ޖަރީމާތަކުން މަހުން މަހަށް ވެސް ވެރީންނަށް ރިޝްވަތުގެ ފައިސާ ބައެއް ފަހަރު ދެ އެވެ.

މީގެ އިތުރުން، ފުރަތަމަ ފަންގިފިލާގެ ތިން ނަމްބަރު ފިހާރައިން ކުލި ދައްކަމުން ނުދާކަން އިންސްޕެކްޝަނުން ވަނީ ފާހަގަވެފަ އެވެ. މިއީ އެއްބަސްވުމެއް ހެދުމަށް ފަހު ކުއްޔަށް ދޫކޮށްފައި ހުރި ތަނެކެވެ. އެތަން ކުއްޔަށް ދިނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ތުހުމަތުކުރެވެ އެވެ.

މުއިއްޒުގެ މޭޔަރުކަމުގައި ހިންގާފައިވާ މިނޫން އެތައް ކޮރަޕްޝަން މައްސަލަތަކެއް މީގެކުރިން ވެސް ވަނީ ފަޅާއަރައިފަ އެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއިން އެއްވެސް މައްސަލައެއް ނުބަލަ އެވެ.