އިދިކޮޅު އެމްޑީޕީގެ ''ލޫޓުވައިފި، ލޫޓުވައިފި'' ބޮޑު މުޒާހަރެ މަގުސަދު މިހާރު ވެސް ހާސިލްވަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ބާއްވާ އެއްވުމުގެ މަގުސަދު ހާސިލްވަމުންދާ ކަމަށެވެ.
ސާލިހު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުން މުސާރަ މިއަހަރުގެ ނޮވެންބަރު މަހު ބޮޑުވާނެކަން ސަރުކާރުން އިއުލާން ކުރީ ވެސް މުޒާހަރާގެ ސަބަބުން ކަމަށެވެ. އަދި އެއާޕޯޓުގެ މުވައްޒަފުންނަށް ނުދީ ހިފަހައްޓާފައިވާ ބޯނަސްތައް ދިނުމާއި، 1 ފެބްރުއަރީ 2026 އިން ފެށިގެން ކްރެޑިޓް ކާޑު ޑޮލަރު ލިމިޓް ބޮޑު ކުރަން ނިންމި ނިންމުން ވެސް ފާހަގަކުރެވެނީ އެހެން ވެސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މި ބަޖެޓުގެ ތެރެއިން މިކަންކަން ވުމުން ނޫނީ އެކަން ވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ 2024 ވަނަ އަހަރު 55 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވެފައިވާ ކަމަށާއި، މިއަހަރުގެ 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވަމުންދާ ކަމަށެވެ.
އެހެން ނަމަވެސް ރައްޔިތުން ބޭނުންވާ އެއްވެސް ކަމެއް ނުވާ ކަމަށާއި، ކުރިން ފަށާފައިވާ މަސައްކަތްތައް ވެސް ހުއްޓިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެއްވެސް ވައުދެއް ފުއްދަވާ މަންޒަރު ނުފެންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.