ދިރިއުޅުމުގައި ކާމިޔާބު ވުމަށްޓަކައި ވަކި އާދަތަކެއް ގެންގުޅެންޖެހޭ ކަމަށް މާހިރުން އަބަދުވެސް ވިދާޅުވެ އެވެ. އެއީ ތިބާގެ ދިރިއުޅުން ހަމަ މަގަށް އަޅުވައި ކާމިޔާބީގެ މަގު ކޮށައިދޭނެ ކަމެކެވެ.

އެގޮތުގެ މަތިން ކާމިޔާބު ދިރިއުޅުމެއް ބޭނުންނަމަ އަހަރުމެން ދުރުވާންޖެހޭ ބައެއް އާއްމު އާދަތަކެއް ވެސް އެބަހުއްޓެވެ. އެއީ ގިނަ ފަހަރަށް މާ ބޮޑު ކަމަށް ނުހަދައި ދޫކޮށްލެވުނު ނަމަވެސް ހަގީގަތުގައި ދިރިއުޅުމަށް އަސަރުކުރާ ކަންކަމެވެ.

ކަންކަން ފަސްކުރުން ހުއްޓާލާ!

މިއަދު ކުރަން އޮތް ކަމެއް މާދަމާއަށް ފަސް ކުރުމުގެ އާދަ މުޅިން ދޫކޮށްލާށެވެ. ކަންކަމުގައި ކުރިއާލާ އިސްވެ ރާވައިގެން ކުރިއަށް ދާށެވެ.

ނުރަނގަޅު ވިސްނުން ދޫކޮށްލާ!

އަމިއްލަ ނަފްސާމެދު ސުވާލު އުފައްދައި ޝައްކު ކުރުން ދޫކޮށްލާށެވެ. އަޒުމް ކަނޑައަޅައިފި ކޮންމެ ކަމަކީ ތިމާއަށް ހާސިލް ކުރެވޭނެ ކަމެއް ކަމުގައި ގަބޫލު ކުރާށެވެ.

ވަގުތު ބަހާލާ!

ރެއަކާދުވާލުގެ ވަގުތު ރަނގަޅަށް ބަހާލާށެވެ. ވަޒީފާއާއި އާއިލާއާއި އަމިއްލަ ނަފްސަށް ދޭންވާ ވަގުތު ކަނޑައަޅައި ވަގުތު ހޭދަ ކުރާނެ ގޮތް ރާވާލާށެވެ.

ސިއްހަތާމެދު ފަރުވާކުޑަ ނުކުރޭ!

ދުވަހުގެ ކެއުންތައް ދޫކޮށްލުމާއި ކަސްރަތަށް ފަރުވާކުޑަ ކުރުން ފަދަ ކަންކަމުން ދުރުވާށެވެ. ކާމިޔާބު ދިރިއުޅުމަކީ ރަނގަޅު ސިއްހަތެއްގެ މައްޗަށް ބިނާވާ ކަމެކެވެ.

އަމިއްލަ ޒިންމާ ނަގަން ދަސްކުރޭ!

ކަންކަމުގައި އެހެން މީހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އަމިއްލައަށް ޒިންމާ ނަގައިގެން ކުރިއަށް ދާށެވެ. ތިމާގެ ދިރިއުޅުމުގެ ހުންގާނު އޮތީ ތިމާގެ އަތުގަ އެވެ.