އެމްޑީޕީން ގެނައި އިސްލާހީ ބަދަލުތައް ފުނޑުފުނޑުކޮށްލާއިރު، ބަލަހައްޓައިގެން ނުތިބޭނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ބޮޑުއެއްވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތައާރަފުކުރި ޕާޓީ ކަމަށާއި އެ ޕާޓީއަކީ ބުނަންޖެހޭ އެއްޗެއް ބުނެ އަޑު އުފުލަން ކެރޭނެ ޕާޓީ ކަމަށެވެ.

އެމްޑީޕީއަކީ ރާއްޖެއަށް ހެޔޮ ގޮތް ގެނައުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް މިހާތަނަށް ވެސް ވަމުންދާ ޕާޓީ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފުލުހުންނާއި އެމްޑީޕީން ކުރި މަޝްވަރާތަކަށްފަހު ވަކި ސަރައްހަދުތަކަށް މުޒާހަރާކުރަމުން ދިނުމަށް ދެ ފަރާތުން އެއްބަސްވި އެވެ. ނަމަވެސް ކުރިން ދީފައިވާ ހުއްދައާ ހިލާފުވެ ފުލުހުން އަންނަނީ މުޒާހަރާ ކުރިޔަނުދީ ހުރަސްއަޅަމުންނެވެ.