މިއީ މިހާރަކަށް އައިސް ވަރަށް ގިނަ މީހުންގެ ޝަކުވާ އެކެވެ. ދެ ދަތްދޮޅި ހުރުމަކީ މީހާ ފަލަކަމަށް ދައްކާ ކަމަކަށް ވާއިރު އެކަމުން ސަލާމަތްވާން ގިނަ ބަޔަކު ބޭނުންވެ އެވެ.

އެފަދަ މީހުންނަށް އޮތް އުފާވެރި ހަބަރަކީ ގޭގައި ކޮށްލެވޭ ވަރަށް ފަސޭހަ ކަސްރަތުތަކަކުން މިކަމަށް ހައްލު ލިބިދާނެ ކަމެވެ. ދެ ދަތްދޮޅީގެ ހައްލު އޮތީ އަމިއްލަ މީހާގެ ބާރުގައި ކަމެވެ.

ޓަންގް އައުޓް

މި ފޭޝަލް ވޯކްއައުޓް ހެދުމަށްޓަކައި ހުޅުވުނު އެންމެ ބޮޑަކަށް އަނގަ ހުޅުވާލާށެވެ. އެއަށް ފަހު ދޫވެސް ނެރެވުނު އެންމެ ބޭރަކަށް ނެރޭށެވެ. މިހެން ކަންތައް ކުރުމުން މޫނުގެ ހަންގަނޑަށް ވާންވެލާނެ އެވެ. މިގޮތަށް 10 ސިކުންތު ވަންދެން ހިފަހައްޓާލާށެވެ. އަދި ކޮންމެ ދުވަހަކުވެސް މަދުވެގެން 10 ވަރަކަށް ފަހަރު މި ކަސްރަތު ކުރުމުން ތަފާތު ފެންނާނެ އެވެ.

ހެޑް ލިފްޓް

މި ކަސްރަތު ކުރުމަށްޓަކައި އުއްޑުން އޮށޯންނާނީ އެވެ. އޮށޯވެ އޮވެ މަޑުމަޑުން ބޯ އެކަނި ހިއްލާ ކުރިއަށް މެއާވީ ފަރާތަށް ގެންނާނީ އެވެ. މި ގޮތަށް ވެސް 10 ވަރަކަށް ސިކުންތު ވަންދެން ހިފަހަށްޓާލާށެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް 3 ސެޓް ފުރިހަމަ ކުރާނަމަ ތަފާތު ފެންނާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ލުކް ޓޫ ސައިޑްސް

ދެ ދަތްދޮޅި ލާނަމަ ކަރުގެ މަސްތަކަށް ކަސްރަތު ވަރަށް މުހިންމެވެ. މަޑުމަޑުން ދެ ފަރާތަށް ބޯ އަނބުރަމުން ގެންދާނަމަ ކަރުގެ މަސްތަކަށް އަސަރު ކުރުވަ އެވެ. މި ކަސްރަތު ކުރާނީ މަޑުމަޑުންނެވެ. މިގޮތަށް ކަންތައް ކުރުމުން ކަރާއި ކަނދުރާގެ ހަންގަނޑަށް ވާންވެ ދެ ދަތްދޮޅިން ސަލާމަތްވާނެ އެވެ.