އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ސުލްހަވެރި މުޒާހަރާގައި ފުލުހުން ބާރުގަދަ އަޑު ފޮނުވާ އާލާތް ބޭނުން ކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މުޒާހަރާ ކުރިއަށްދިޔަ ސަރަހައްދުގައި "ސޮނިކް ވެޕަން" ގެ ގޮތުގައި ބޭނުން ކުރާ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ވަނީ ބޭނުން ކޮށްފަ އެވެ.

ފުލުހުން އެ އާލާތް ބޭނުން ކުރުމާއި ގުޅިގެން އެތައް ބަޔަކަށް އޭގެ އަސަރު ކުރި ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ޕޯސްޓްކޮށްފައިވެ އެވެ.

މިކަމާއި ގުޅިގެން އެމްޑީޕީންވެސް ވަނީ ފުލުހުން ސޮނިކް ވެޕަން ބޭނުން ކުރުން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެމްޑީޕީގެ ބަޔާނުގައި ބުނީ މި ހަތިޔާރުގެ ސަބަބުން ދާއިމަށް އަޑު ނީވުން، ބޯ އެނބުރުން، ފަދަ ނުރައްކާތެރި ސިއްހީ ހާލަތްތައް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށެވެ. އެމްޑީޕީން ބުނީ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް އަކީ މީގެ ކުރިން ރާއްޖޭގެ އެއްވުންތައް ރޫޅާލަން ބޭނުންކުރި ހަތިޔާރެއް ނޫން ކަމަށެވެ.

ސޮނިކް ވެޕަން ބޭނުން ކުރުމުގެ ސަބަބުން މުޒާހަރާ ކަވަރުކުރުމަށް މަސައްކަތްކުރި ނޫސްވެރިންނަށްވެސް އޭގެ އަސަރުކޮށް ސިއްހީ މައްސަލަތައް ދިމާވި ކަމަށް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ބުނެފަ އެވެ.

ސޮނިކް ވެޕަންގެ އިތުރުން ފުލުހުން ވަނީ ގިނަ އަދަދަކަށް ޕެޕާރ ސްޕްރޭއާއި ކަރުނަ ގޭސް މުޒާހަރާތެރެއަށް ޖަހާފަ އެވެ. ގިނަ ބަޔަކު ބުނެފައިވަނީ ފުލުހުން ހާލަތާއި ނުބައްދަލު ބާރު ރޭ ބޭނުން ކުރިކަމަށެވެ.

ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން ލިބުނު އަނިޔާގެ ސަބަބުން މުޒާހަރާގެ ބައިވެރިއަކަށް ހާޓްއެޓޭކެއް ޖެހި، ފަރުވާ ދެމުން ދާކަމަށްވެސް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އެކްސްގައި ވިދާޅުވެފަ އެވެ.

އިދިކޮޅުން ރޭ ބޭއްވި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ. އަދި މުޒާހަރާއާ ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުން ހުއްޓުމެއްނެތި ސޯޝަލް މީޑިއާގައި ޕޯސްޓްކުރައްވަމުން ދިޔަކަން ފާހަގަކުރެވުނެވެ.