ގދ. ތިނަދޫގައި ކުއްލިއަކަށް މަގުމައްޗަށް ނުކުތް ކުޑަކުއްޖެއްގެ ގައިގައި، ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައި ވަނީ އިއްޔެ ހަވީރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތިނަދޫ އާބާދީ ހިނގުމުން މިއުޒިއަމް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އުމުރުން ހަ އަހަރު ކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އެއީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ މިހާރު ވަނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

އިއްޔެ އިރުއޮއްސުނު ވަގުތު ހިނގި އެ އެކްސިޑެންޓުގައި ކުއްޖާއަށް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުން ބުނީ ކުއްޖާ ގެނައިއިރު ވެސް ހާލު ސީރިއަސް ނޫން ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެންނަނީ ކުޑަ ފިރިހެން ކުއްޖަކު ބުޅަލެއް ހިފައިގެން މަގު ހުރަސްކުރަން އުޅޭ މަންޒަރެވެ. އެ ކުއްޖާ މަގުގެ އަނެއް ފަޅިއަށް އެރުމުގެ ކުރިން ސައިކަލު ގޮސް ކުއްޖާގެ ގައިގައި ޖެހި ކުއްޖާ އާއި ސައިކަލުގައި އިން މީހާ ވެސް ދުރަށް ވިއްސައިގެންދެ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުއްޖާ އެކަނި މަގު ހުރަސްކުރަން އުޅެނީ ބަޔަކު އެ ކުއްޖާ ކައިރީގައި ތިއްބަ އެވެ. އެކަމަކު އެއީ އެ ކުއްޖާއާ އެކު ތިބި ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. އެކްސިޑެންޓުވެ ކުއްޖާ ވެއްޓުމާ އެކު އެ މީހުން ދުވެފައި ގޮސް ކުއްޖާ ނަގަ އެވެ.