ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮލަޑް ޓްރަމްޕް ހަމާސްއަށް ހުށަހެޅި ބައެއް ކަންކަމަށް އެ ގުރޫޕުން އެއްބަސްވުމާއެކު، ގައުމުތަކުން މަޝްވަރާއަށް ތައްޔާރުވެއްޖެ އެވެ.

މިސްރުގައި ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ނުރަސްމީ ވާހަކަތަކުގައި ގައުމުތަކުން ބައިވެރިވުމަށް ރައީސް ޓްރަމްޕްވަނީ އެދިފަ އެވެ.

އެމެރިކާއިން ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި 20 ނުކުތާގެ ޕްލޭންގެ ތެރެއިން ބައެއް ކަންކަމަށް ހަމާސްއިން ވަނީ އެއްބަސްވެފަ އެވެ. އެގޮތުން އިޒްރޭލުގެ އަސީރުން ދޫކޮށްލުމާއި ފަލަސްތީނުގެ ވެރިކަން ބެލެހެއްޓުމަށް ތަޖުރިބާކާރުން މެންބަރުން ހިމެނޭ ބޯޑް އޮފް ޕީސް ކިޔާ ބޯޑެއް އުފެއްދުމަށް ހުށަހެޅި ހުށަހެޅުމަށްވެސް ހަމާސްއިން ވަނީ އެއްބަސްވެފަ އެވެ.

ޓްރަމްޕް އިއުލާނުކުރެއްވި 20 ނުކުތާގެ ސުލްހައިގެ ޕްލޭންގައި ވައިޓް ހައުސްއިން ބުނެފައިވަނީ އެމެރިކާއިން އިޒްރޭލާއި ފަލަސްތީނާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމަށާއި އެ އެއްބަސްވުން އިޒްރޭލުން ގަބޫލުކުރާތާ 72 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރަން ޖެހޭނެ ކަމަށެވެ.

އިޒްރޭލަށް ޣައްޒާ ނުހިފޭނެ ކަމަށާއި އެއްވެސް މީހަކަށް ޣައްޒާ ދޫކޮށް ދާން މަޖުބޫރު ނުކުރާނެ ކަމަށްވެސް އެ ޕްލޭންގައިވެއެވެ.

މިކަމާއި ގުޅިގެން އަރަބި އިސްލާމީ ގައުމުތަކުން ވަނީ ހަމާސްއަށް މަރުހަބާ ހިޔާފަ އެވެ. އަދި ރައީސް ޓްރަމްޕަށް ޝުކުރު އަދާކޮށްފައިވެއެވެ.

ހަމާސްގެ އެއްބަސްވުމާއެކު ޓްރަމްޕް ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އަންގަވާފަ އެވެ. ނަމަވެސް އިޒްރޭލުން މިހާރުވެސް ގެންދަނީ ޣައްޒާއަށް ހަމަލާދެމުންނެވެ. އިޒްރޭލުން ބުނެފައިވަނީ އެމެރިކާގެ ހުށަހެޅުމުގެ ފުރަތަމަ މަރުހަލާއަށް އަމަލުކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.