ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ފުލުހުން ތުހުމަތުކުރާ އަހުމަދު ވިސާމްގެ މައްޗަށް ތުހުމަތުކުރެވޭ ކެނެބިސް ޓްރެފިކްކުރުމުގެ މައްސަލައެއްގެ އިސްތިއުނާފު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ބާތިލްކޮށްފި އެވެ.
އެ މައްސަލާގައި ހިމެނޭ ޑްރަގް ފެނުނީ ޑިސެމްބަރު، 2017، ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގައި ފުލުހުން ޑްރަގް ހޯދީ ކޯޓު އަމުރެއްގެ ދަށުން ގެޔެއް ބަލައި ފާސްކުރަނިކޮށް، އެ ތަނުގެ ތެރެއިން ފެނުނު ރިމޯޓަކަށް، ފިތާލުމުން އެލާމް އެޅި ސައިކަލު ބަލައިފާސްކުރަނިކޮށެވެ.
ވިސާމްގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ އެއީ އޭނާގެ ބެލުމެ ދަށުގައި ހުރި ތަކެތިކަން ސާބިތުކޮށްނުދެވޭ ކަމަށް ބުނެ އެވެ.
އެ މައްސަލަ ބާތިލްކުރަން އެދުނު ސަބަބެއް ކަމަށް ޕީޖީން ބުނީ އިސްތިއުނާފީ މައްސަލައަށް ފަސް އަހަރުވެފައިވާއިރު، ވިސާމްގެ އިތުރު މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިނުވުމެވެ.