ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު އދ. ދިއްދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ދިއްދޫގެ އިތުރުން މި ހަފްތާތެރޭގައި ބީއެމްއެލް އިން ފެންފުށި، ކުނބުރުދޫ އަދި މަންދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އދ. އަތޮޅަށް ބީއެމްއެލް އޭޓީއެމް ވިއުގަ ފުޅާކުރާނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝަރީފް ވިދާޅުވީ، އދ. އަތޮޅުގައި މިކުރާ އިންވެސްޓްމަންޓަކީ ބޭންކަށްވެސް އަދި އެ އަތޮޅުގެ މުޖުތަމައުތަކަށްވެސް ވަރަށް މުހިންމު ލަނޑުދަނޑިއެއް ހާސިލުކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ހުރިހާ ރައްޔިތުންނަށް ބޭންކުގެ ޚިދުމަތްތައް ވީހާވެސް ފަސޭހަކަމާއެކު ފޯރުކޮށްދިނުން. އަޅުގަނޑުމެން ގާއިމުކުރާ އޭޓީއެމްތަކަކީ މި އަމާޒަށް ވާސިލުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ހެއްކެއް." ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 189 ސެލްފްސާވިސް ބޭންކިން ސެންޓަރު، 247 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.