ކައިރި ކައިރީގައި އެއާޕޯޓުތައް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ނުޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ކައިރިކައިރީގައި އެއާޕޯޓްތައް އެޅުމުގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ ގައުމީ އެއާލައިނަށް "ދެއުޅިއެއް ނުވާ" ހަރަދުތަކެއް ހިންގަން ޖެހުން ކަމަށެވެ.
ށ. އަތޮޅުގައި ހަތަރު އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ކައިރިކައިރީގައި އެހާ ގިނަ އެއާޕޯޓްތައް އަޅަމުންދާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ނަޝީދު ވިދާޅުވީ އުތުރުގައި އިތުރު ހަތަރު އެއާޕޯޓު އޮއްވައި، އިތުރު ހަތަރު އެއާޕޯޓު އަޅަނީ 19-36 މިނެޓާ ދޭތެރޭގައި ލޯންޗެއްގައި ދެވޭހާ ކައިރީގައި ކަމަށެވެ. އޭގެ ސަބަބުން ހުރިހާ އެއާޕޯޓެއްގައި ވެސް އިގްތިސާދީ ނުވަތަ މާލީ ދެކޮޅު ޖެހުމެއް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމުގެ ސަބަބުން ގައުމީ އެއާލައިނަށް ވެސް ދެއުޅިއެއް ނުވާ ހަރަދުތަކެއް ކުރަން ޖެހުމުގެ އިތުރުން ލޯކަލް ޓޫރިޒަމްގައި ލިބެންޖެހޭ މަންފާތައް ވެސް ނުލިބޭނެ ކަމަށެވެ.
ކައިރިކައިރީގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަޅަމުން ދިއުމުން ފެންނާނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެެއްގެ އަމާޒާއި ޕްލޭނެއް ނެތުމާއި ޒިންމާދާރުކަން ކުޑަކަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ށ. އަތޮޅުގައި މިހާރު އެއާޕޯޓް އޮންނަނީ ހަމައެކަނި ފުނަދޫގަ އެވެ. މި ހަފްތާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ އަތޮޅު ބިލެތްފައްސާއި ކޮމަންޑޫ އަދި މިލަންދޫގައި ތަރައްގީކުރާ އެއާޕޯޓުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިފަ އެވެ.
ކޮމަންޑޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު އެރަށް ކައިރީގައި އޮންނަ ރ. އަލިފުށީގައި ވެސް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ތ. ވިލުފުށީގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްފަހު ލޯންޗެއްގައި އެރަށުން 15 މިނެޓުން ދެވޭ ގުރައިދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. ގުރައިދޫއާ އެއްފަޅެއްގައި އޮންނަ ތިމަރަފުށީގައި މިހާރު ވެސް އެއާޕޯޓެއް އޮވެ އެވެ.
ފ. މަގޫދޫގައި އެއާޕޯޓްގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވަނިކޮށް، ފ. ނިލަންދޫގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.