ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފުގެ އައްޑަނައެއް މާދަމާ އަރުވަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ނިޝާން ގާޒީ އިއްޒަތުގެ ވެރިކަން އަރުވާފައިވާ މައުމޫނަށް މާދަމާ ބާއްވާ ޖަލްސާގައި އަރުވަނީ ނޮވެމްބަރު 3، ގެ ޝަރަފުގެ ހާއްސަ އައްޑަނަ ކަމަށެވެ. ނޮވެމްބަރު 3، ގެ ޝަހީދުންގެ އާއިލާތަކަށް އަރުވަނީ ހަނދާނީ އައްޑަނަ ތަކެކެވެ.
އެ އައްޑަނަތައް އެރުވުން އޮންނާނީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 9:00 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މިކަން ކުރަން މުއިއްޒު ނިންމެވީ ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާ ކުރިމަތިވިއިރު ވެރިކަމުގައި ހުންނެވި މައުމޫން "ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާއި އަދި އެ ދުވަހު ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި،" ވަޒަން ކުރުމުގެ ގޮތުންނެވެ.
ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އެ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ގައުމާ މުހާތަބު ކުރައްވާނެ ކަމަށާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ލަންކާ އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން މަޝްވަރާކޮށްފި
އިސްތަށިގަނޑު މާ ބޮޑަށް ހިރުވަނީ މިހެންވެ ކަމަށް ވެދާނެ!
ކެޓްރީނާގެ ފޮޓޯތަކެއް ލީކުވުމުން އާއްމުން ރަތަށް!