އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ދައްކާ ގޮތުގައި އެ އަހަރު ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދު އިތުރުވާނެކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓާ ގުޅޭގޮތުން އެމްޑީޕީގެ އިގްތިސާދީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަދި އެޕާޓީގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ގައުމަށް ލިބޭނެ ނަފާއެއް، މޮޅެއް ނެތްކަމަށެވެ.

އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް ބަލާއިރު ގައުމު މިއަދު މިއޮތް ހާލަތު ރަނގަޅުކުރުމުގެ ސިޔާސަތެއް އަދި އެއްވެސް ރޭވުންތެރިކަމެއް ނުފެންނަ ކަމަށެވެ. ބަޖެޓުގައި ރައްޔިތުންނަށް ފައިދާވާނެ ކަންތައްތަކެއް ގެނެވިފަ ނުވާކަމަށާއި، ބަޖެޓުން ފެންނަނީ މިހާރުވެސް ސަރުކާރު ހިނގާ ބީދައިން ކަންކަން ކުރުމަށް ދޫކޮށްފައި އޮތް ބަޖެޓެއްގެ ގޮތުގައިކަމަށް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ބަޖެޓު އޮތް ގޮތުން ދަރަނި ވާނީ އިތުރެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވަނީ އަންނަ އަހަރުގެ ބަޖެޓުން ދައްކާ ގޮތުގައި އެ އަހަރު ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދުތައް އިތުރުވާނެކަން ފާހަގަކުރައްވައިފަ އެވެ.

ހަމައެއާއެކު އިމްޕޯޓް ޑިއުޓީ އަންދާޒާކުރި ވަރަށްވުރެ އިތުރުނުވާ ކަމަށާއި، ޓެކްސް ބޮޑު ކުރި ނަމަވެސް އާމްދަނީ ބަޖެޓު ކުރި މިންވަރަށް ނުލިބޭ ކަންވެސް އަމީރު ފާހަގަކުރެއްވި އެވެ. އަދި އަންނަ އަހަރު ހުށަހަޅަނީ ޑެފިސިޓް ބަޖެޓެއް ކަމަށާއި މި ބަޖެޓަށް ވަރަށް ބޮޑު ފައިނޭންސެއް ހޯދަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު 11.1 އިންސައްތައިން އިތުރުކޮށްފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ރިކަރަންޓް ހަރަދު އިތުރުވެފައިވަނީ މުސާރައަށް ކަމަށާއި، ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ މުސާރައަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ އާމްދަނީ 6.6 އިންސައްތައިން އިތުރުވާނެކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އޭގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން އިތުރެއް ނުވާނެ ކަމަށެވެ. އަދި އެއީ ދަރަނި އިތުރުވާ ބަޖެޓެއް ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ބަޖެޓަށް ފައިނޭންސް ހޯދަން ޖެހުނު މިންވަރު ވީ އިތުރު ކަމަށާއި، ނަމަވެސް ފައިނޭންސް ނުކުރެވި، ނިމޭއިރު ހުންނަނީ ނުދައްކާ ހުންނަ ބިލުތައް ކަމަށެވެ. އަދި ހަމައެއާއެކު ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ، މުސާރައަށް ކުރާ ޚަރަދު މިއީ މި ބަޖެޓުން ފެންނަން އޮތް މައިގަނޑު ކަންތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. މިއީ މި އަހަރު ތަންފީޒުކުރަމުން އަންނަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.6 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެހާ ބޮޑަށް ބޮޑުވީ އަންނަ އަހަރު ރިކޯޑު މިންވަރެއްގެ ދަރަނި ދައްކަން ހޭދަކުރަންޖެހޭތީއެވެ. އެގޮތުން، އަންނަ އަހަރު އެކަނި ޖުމުލަ 1.1 ބިލިއަން ޑޮލަރު ދަރަނި ދައްކަން ހޭދަކުރަންޖެހެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ތާރީޚީ ބިޔަ ބަޖެޓެއް ހުށަހަޅާއިރު މި އަހަރު ހުށަހެޅި ބަޖެޓުގައި ހުރި ގިނަ ކަންކަން ވެސް ތަންފީޒުކޮށްފައެއް ނުވެ އެވެ. އެގޮތުން، މާލީ އިސްލާހީ ފިޔަވަޅުތަކުން 7.7 ބިލިއަން ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި ހިމެނިއެވެ. އެކަމަކު، އެއިން އެއްވެސް ކަމެއް ސަރުކާރުން ތަންފީޒެއް ނުކުރެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފަ އެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގަ އެވެ.

އެކަމަކު، ހިސާބުތަކުން އެނގޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖެހި 1.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުކުރީ އެންމެ ނުވަ އިންސައްތައެވެ.