ހދ. ކުޅުދުއްފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށް ލާން، އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
ޖެނުއަރީ 2023 ގައި، ކުޅުދުއްފުށްޓަށް މަސްތުވާތަކެތި ގެންދަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރިއަތް ކުރުމަށް ފަހު އުމުރަށް ޖަލަށްލާފައި ވަނީ އެ ރަށު ލޫނާ، އަލީ މުހައްމަދެވެ. އަލީ މުހައްމަދުގެ މައްޗަށް، އާދިއްތަ ދުވަހު ހުކުމް ކުރިއިރު، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އަލީ މުހައްމަދު، ކުޅުދުއްފުށްޓަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ފުލުހުންގެ އިންޓެލިޖެންސްގެ ފަރާތުންނެވެ.
އިންޓެލިޖެންސްއިން ލިބުނު މައުލޫމާތުގެ އަލީގައި، މާލޭ ނޯތު ހާބަރު ސަރަހައްދުން ފުލުހުން އޭނާ ހިފަހައްޓައި ޗެކު ކުރިއިރު، އޭނާގެ ޖީންސްގެ ޖީބުން 50 ގްރާމް ޑައިމޯފިން ފެނުނެވެ.
މި މައްސަލައިގައި އަލީ މުހައްމަދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އޭނާ އިންކާރު ކުރިއެވެ. އޭނާ ޝަރިއަތުގައި ބުނި ގޮތުގައި އެއީ މަސްތުވާތަކެތިކަން އެނގޭ ނަމަ އޭނާ އެއާ ކައިރިނުވީ ހެވެ. އޭނާ ބުނި ގޮތުން އެއީ، އަބްދުﷲ ކިޔާ މީހެއްގެ އެއްޗެކެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓުން ކޯޓުން މި މައްސަލައިގައި އިއްވި ހުކުމްގައި ބުނީ، މަސްތުވާތަކެތި ފެނުނު ކޮތަޅަކީ ޓޭޕް އަޅައި އެތެރެ ނުފެންނަ ފަދައަކުން ބަންދުކޮށްފައި އޮތް ޕެކޭޖެއް ނުވަތަ އެފަދަ ގޮތަކަށް ބަންދު ކޮށްފައި އެއްޗެއް ނޫން ކަމަށާއި އެއ، އެއްވެސް ގޮތަކަށް ބަންދުކޮށްފައި ނުވާ ކަރުދާސް ކޮތަޅެއް ކަމަށެވެ.
ބޯޓުން ކުޅުދުއްފުއްޓަށް ގެނައުމަށް މީހަކު ދޭ އެއްޗަކާ ހަވާލުވާ ނަމަ އެންމެ ކުޑަމިނުން އެއީ ކާކާ ހަވާލުކުރާ އެއްޗެއްތޯ އާއި އެ ތަކެއްޗާ ހަވާލުވާން މީހަކު ދާނެތޯ ފަދަ ސުވާލު އެ އެއްޗެއް ހަވާލުކުރަން ދާ މީހެއްގެ ކައިރީ އަހާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ހުކުމްގައި ވެ އެވެ. އެ ކޮތަޅު އެ މީހާއާ ހަވާލުކުރީ ގޮތް ނޭނގޭ މީހެއް ކަމަށް ބުންޏަސް އެއީ ކާކު ކަމެއް ދައުވާ ލިބޭ މީހާ އަށް ބުނެދެވިފައި ނުވާ ކަމަށް ހުކުމްގައި ބުންޏެވެ.
"މި މައްސަލައިގައި ހުށަހަޅާފައިވާ ފޮޓޯތަކަށް ބަލާއިރު އެ ކޮތަޅުގައި އެއްވެސް މީހެއްގެ ނަމެއް ނުވަތަ ގުޅޭނެ ފޯނު ނަންބަރެއް ފަދަ އެއްޗެއް ލިޔެފައިވާކަން ފާހަގައެއް ނުކުރެވެ އެވެ. މި ދެންނެވި ކަންކަން އެހެން ހުރުމުން، މަސްތުވާތަކެތި ހުރި ޖޫސްޕެޓީ ކޮތަޅު ޖީންސުގެ ޖީބުގައި އޮތީ އޭނާގެ އެނގުމުގެ ތެރެއިން ކަން އެނގެން އޮވެ އެވެ،" ހުކުމްގައި ބުންޏެވެ.
ހުކުމްގައިވާ ގޮތުން މަސްތުވާތަކެތި ފެނިފައިވަނީ ދައުވާ ލިބޭ މީހާ ލައިގެން ހުރި ޖީންސުގެ ވާތްފަރާތު ކުރިމަތީ ޖީބުގައި އޮތް ކޮތަޅެއްގެ ތެރެއިންކަން ސާބިތުވެ އެވެ. އެ ތަކެތި ހުރީ އޭނާގެ ހިޔާޒަތުގައި ކަމާ މެދު ސުވާލެއް ނުއުފެދޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ.
އެހެންވެ، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުޅުދުއްފުށީގެ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލް ވަނީ ދައުވާ ލިބޭ މީހާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް (25 އަހަރު) އިއްވައި 100،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. ޖޫރިމަނާގެ ފައިސާ 12 މަސް ތެރޭ ދައްކަން ވެސް އަމުރު ކުރެއްވި އެވެ.
އެއާ އޭޝިއާގެ ބޯޓަކަށް މައްސަލައެއް ދިމާވެ އަނބުރާ ޖައްސައިފި
ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފަ އޮތް މީހަކު ފެނިއްޖެ
ހޮލީވުޑް ތަރިއެއް އެމެރިކާގެ ރައީސްކަން ކުރިކަން އެނގޭތަ؟