ގައިން ނުބައި ވަސް ދުވުމުގެ މައްސަލައާ ކުރިމަތިލާން ޖެހޭ މީހުން ވަރަށް ގިނަ އެވެ. ކިތަންމެ ރީއްޗަށް ފެންވަރައިގެން ޑިއޯޑޮރެންޓާއި ބޮޑީސްޕްރޭ އާއި ސެންޓު ޖަހައިގެން ނުކުތަސް މެންދުރުވެގެން އަންނައިރު ގައިން ނުބައި ވަސް ދުވަން ފަށަ އެވެ.
ބައެއް މީހުންނަށް މިހެން ދިމާވަނީ ދާހިއްލާތީ އެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތަކީ ވެސް މިއީ އެވެ. އެހެން ނަމަވެސް މިކަމުގައި ޑޮކްޓަރުންގެ ބަސް މުޅިން ތަފާތެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި ދަލަކީ އޭގެ ޒާތުގައި އެއްވެސް ވަހެއް ހުންނަ އެއްޗެއް ނޫނެވެ. މި ނުބައި ވަހަކީ އެޕޯކްރިން ގްލޭންޑުން މި ދާތައް އެސިޑަށް ބަދަލުކުރުމުގެ ތެރެއިން އުފެދޭ ވަހެކެވެ. ޖަރާސީމެއްގެ ސަބަބުން އުފައްދާ މި ވަސް އިތުރަށް ގަދަކޮށްލަނީ ސާފުތާހިރުކަން ވެސް ދަށްވީމަ އެވެ.
ހަށިގަނޑުން ނުބައި ވަސް ދުވާ ނަމަ ކެއުމަށް ބަދަލު ގެނެވިދާނެ އެވެ. ލޮނުމެދާއި ހަވާދުގެ ބާވަތްތައް ކެއުން މަދުކުރުމުން ގައިން ނުބައިވަސް ދުވުން ކުޑަކުރެވޭނެ އެވެ. ފިޔާ، ލޮނުމެދު، ހަވާދުގެ ބާވަތްތަކަކީ އެއްކޮށް ހަޖަމުވާ އެއްޗެހި ނޫން ކަމަށާއި އެކަމުގެ ސަބަބުން ދާހިއްލާއިރު ގަދަ ވަހެއް އުފެދޭ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ޑިއޯޑޮރެންޓް ބޭނުންކުރުމަކީ ވެސް މިކަމަށް ހައްލެކެވެ. ހެނދުނާއި ރޭގަނޑު ގަވާއިދުން ޑިއޯޑޮރެންޓް ބޭނުންކުރާ ނަމަ ގައިން ވަސް ދުވުން ހުއްޓުވޭނެ އެވެ. ހަމައެއާއެކު ލޮނުދާ ހިއްލާ ބޫޓުން ނުބައި ވަސް ދުވާ ނަމަ އަވަސް އަވަހަށް ބޫޓު ބަދަލުކުރަން ވާނެ އެވެ. އަބަދު އެއް ބޫޓަކަށް އެރުމުގެ ބަދަލުގައި ދެތިން ބޫޓު ގެންގުޅުން ރަނގަޅުވާނެ އެވެ.
އަބަދު އަބަދު ދާހިއްލައި ގައިން ނުބައި ވަސް ދުވާ ނަމަ ހެދުން އެޅުމުގައި ސަމާލުކަން ދޭން ވާނެ އެވެ. ބައެއް ކަހަލަ ފޮއްޗަކީ ވެސް މިކަމަށް އެހީތެރިވެދޭނެ އެއްޗެކެވެ. ލިނެން، ސިލްކު އަދި ކޮޓަން ފޮތީގެ ހެދުން އެޅުން ރަނގަޅުވާނެ އެވެ.
ނަމަވެސް ބައެއް ހާލަތްތަކުގައި ދާހިއްލާ ގައިން ނުބައި ވަސް ދުވަނީ ހަމައެކަނި ސާފުތާހިރުކަން ކުޑަވެގެނެއް ނޫނެވެ. އެންޒައިޓީ އާއި ސްޓްރެސް އަކީ ގަދަޔަށް ދާހިއްލުމަށް ބައެއް ފަހަރު މެދުވެރިވާ ސަބަބެކެވެ. މާބޮޑަށް ގައިން ނުބައި ވަސް ދުވާ ނަމަ ޑޮކްޓަރަށް ދައްކަން ވާނެ އެވެ. މިއީ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. ސިއްހީ މައްސަލައެއް ހުރެއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ފަރުވާ ހޯދޭނީ އޭރުންނެވެ.
ގައިން ނުބައިވަސް ދުވުމަކީ ހަމުގެ ބަލިތަކެއް ޝިކާރައަކަށް ވެފައިވާކަން އަންގައިދޭ ސިގުނަލެއް ވެސްމެ އެވެ. ހަންގަނޑުގެ ޓިޝޫތައް މަރުވެ އެ ޓިޝޫތަކުގައި ބެކްޓީރިއާ އުފެދި ބޮޑުވަމުން އަންނަ ނަމަ ނުބައި ވަސް ދުވުމަކީ ވެދާނެ ކަމެކެވެ.
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
އިސްތަށިގަނޑު މާ ބޮޑަށް ހިރުވަނީ ކީއްވެ؟
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓާސް"