ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ބޭންކުގެ ފައިނޭންސިން ހިދުމަތްތަކަށް ފަސޭހައިން އެދި ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް، "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

މަސްވެރިޔާ ޕޯޓަލްއިން މަސްވެރިކަމުގެ ދާއިރާގެ މީހުންގެ ދިރިއުޅުމާއި އުންމީދުތައް ހާސިލްކުރުމަށް އެހީތެރިވުމަށްޓަކައި ހެދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެ އެވެ. ވަރަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ މަސްވެރިންނަށް، ތިރީގައިވާ ބޭނުންތަކަށް އެދި އިސްލާމީ ފައިނޭންސިންގ ހިދުމަތްތަކަށް އެދި ހުށަހެޅޭނެ އެވެ.

  • ގެދޮރު ގަތުމަށް
  • ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް
  • މަތީ ތައުލީމު ހާސިލުކުރުމަށް
  • އުޅަނދު ބަނުމާއި މަރާމާތުކުރުމަށް
  • ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށް
  • ލުއި ފައިނޭންސިންގ އަށް. މި ފައިނޭންސިންގ އަކީ މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުން ނުވަތަ އިތުރު އެކި ބޭނުންތަކަށް ދޫކުރެވޭ ފައިނޭންސިންގ އެއް.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މަސްވެރިންނަށް މާލީ ހިދުމަތްތަކަށް ވާސިލުވުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމަށް މި އަހަރުގެ ކުރީކޮޅު ބީއެމްއެލް އާއި ފިޝަރީޒް މިނިސްޓްރީން ވަނީ އެއްބަސްވެފައި ކަމަށެވެ.

"މަސްވެރިޔާ ޕޯޓަލް އިފްތިތާހުކުރުމަކީ މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވެ، މާލީ ހައްލުތަކަށް ފަސޭހައިން ވާސިލުވެވޭނެ ޒަމާނީ އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް އެންމެ ބޭނުންތެރި މާލީ ހައްލުތައް ފޯރުކޮށްދިނުމަށް،" ޝަރީފް ވިދާޅުވި އެވެ.

މަސްވެރިޔާ ޕޯޓަލްއަކީ ބޭންކުން މަސްވެރިންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއް ރަމްޒެކެވެ. މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން 2024 ވަނަ އަހަރުގެ ޑިސެންބަރުން ފެށިގެން ބޭންކުން އަންނަނީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ޖަމާކޮށްދެމުންނެވެ. އަދި ބޭންކުން މަސްވެރިންނަށް އެއްވެސް އިކުއިޓީއެއް (އަމިއްލައަށް ޚަރަދުކުރަންޖެހޭ ބައި) އަދި ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ހާއްސަ ފެސިލިޓީއެއްވެސް ވަނީ ތައާރަފްކޮށްފަ އެވެ. މި ފައިނޭންސިންގއަށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލު ހަމަޖައްސަނީ މަސްވެރިކަމުން ލިބޭ އާމްދަނީއަށް އަންނަ ބަދަލުތަކަށް ބަލައިގެންނެވެ.

މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކާޑު ޚިދުމަތްތައްވެސް ވަރަށް އަވަހަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކުން ވަނީ ހާމަކޮށްފަ އެވެ.