ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ, ގ. މާވަނި، ހުސައިން ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ތިބި ކުދިންތަކަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކޮށް ކޯޓް އަމުރެއްގެ ދަށުން 30 ދުވަހަށް ބަންދުގައި ވަނީ ބަހައްޓާފަ އެވެ. އެ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެ އެވެ.

"ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ވަނީ ކުރިއެރުންތައް ލިބިފައި," ފުލުހުން ބުންޏެވެ.

ބެލެވޭގޮތުގައި ދެން އޭނާގެ ބަންދުކުރާނީ ޝަރީއަތް ނިމެންދެނެވެ.

ސަނީ ނިސްބަތްވާ ޓްރެވަލް ގާއިސް ކުންފުނިން ވެސް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ގާއިސް ކުންފުނިން ބުނީ އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ.