މަގާމާ ހަވާލުވެވަވަޑައިގެންނެވިތާ ހަތަރު މަސް ފަހުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ އިސްވެރިޔާ އިސްމާއިލް ސާޖިދު ސަސްޕެންޑްކޮށްފި އެވެ.

އެނިފައިވާ ގޮތުގައި މި ހަފުތާގެ ތެރޭގައި ސާޖިދު ސަސްޕެންޑްކޮށް ވަނީ އޮފީހަށް ނުނިކުތުމަށް އަންގައިފަ އެވެ. ތުހުމަތު ކުރެވޭ މައްސަލައިގެ ފުރިހަމަ ތަފްސީލު އަދި ނުލިބެ އެވެ.

މި މައްސަލައާ ގުޅިގެން ސާޖިދު ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަގާމުން ސަސްޕެންޑު ކޮށްފައިވާކަން އެންގީ ކުއްލި ގޮތަކަށް ކަމަށާއި އެހެން ނަމަވެސް، އެކަން އަންގައި އެމްއެމްއޭ އިން ފޮނުވި ސިޓީގައި ހުރި ތަފުސީލު ހާމަކުރެއްވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަގާމަށް ސާޖިދު އައްޔަން ކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ, ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކްވެފައި ވަނިކޮށް, އެފްއައިޔޫގެ އޭރުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް, މަގާމުން ދުރުކޮށްފަ އެވެ.

އެމްއެމްއޭއިން އޭރު ބުނީ އެފްއައިޔޫގެ ވެރިޔާ އަޝްރަފު އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރީ ހިންގުން ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސާޖިދުގެ ސަސްޕެންޝަން ސިޓީ އޭނާ އަށް ލިބިވަޑައިގެންނެވިއިރު ގަވަރުނަރު އަހުމަދު މުނައްވަރު ހުންނެވީ ޗުއްޓީއެއްގަ އެވެ. މިކަމާ ގުޅޭ ގޮތުން އެމްއެމްއޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ. އެތަނުގެ އިސްވެރިއަކަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ އެމްއެމްއޭގެ ގަވަނަރުނަރަށެވެ.

މީގެ ކުރިން އެފްއައިޔޫގެ ހެޑްގެ މަގާމުގައި ހުންނެވި އަޝްރަފު ވެސް 2018 ވަނަ އަހަރު އެ މަގާމުން ވަކިކޮށްފައިވެ އެވެ.

އޭނާ މަގާމުން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭ ޝައްކު ކުރެވޭ މުއާމަލާތެއް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ވަނިކޮށެވެ. އެކަމަކު ފަހުން 2023 ވަނަ އަހަރު އަލުން އެމަގާމަށް އޭނާ އައްޔަނުކޮށްފައިވެ އެވެ.

މި އަހަރުގެ އޮގަސްޓް މަހު އަޝްރަފް މަގާމުން ދުރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް ކުންފުންޏާ ގުޅޭ މާލީ މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫ އިން މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ.