އުމުރުން 75 އަހަރު ވަންދެން ސަރުކާރުގެ ވަޒީފާ އަދާކުރެވޭ ގޮތަށް ފާސްކުރި ރީ-އެމްޕްލޯއިމަންޓްގެ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލު ފާސްކޮށްފައި ވަނީ، މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާގަ އެވެ.

ސަރުކާރުން ބުނީ، މި ބިލުގެ މަގުސަދަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުން އަންނަ ބޭފުޅުންނަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލުކުރެވޭނެ އުސޫލުތައް ބަޔާން ކުރުމެވެ.

ބިލަށް އަމަލުކުރާނީ މިއަދުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚު ކަމަށްވާ އަންނަ މަހުގެ ހަތްވަނަ ދުވަހެވެ.

ބިލުގައި ވާގޮތުން މި ބިލު ހިނގާނީ މިހާރު ދައުލަތުގެ ވަޒީފާގައި ތިއްބެވި ބޭފުޅުންނާއި ކުރިން ވަޒީފާ އަދާކުރެއްވި ބޭފުޅުންގެ މައްޗަށެވެ. ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންގެ އިތުރުން ގާނޫނުއަސާސީއާއި ގާނޫނެއްގެ ދަށުން އައްޔަންކުރާ މަގާމެއްގައި ތިއްބެވި ބޭފުޅުން މި ގާނޫނުގެ ދަށުން ނުހިމެނެ އެވެ.

މި ބިލު ތަސްދީގު ކުރެއްވުމުން 65 އަހަރު ފުރުމުން ވެސް 75 އަހަރާ ހަމައަށް ޚިދުމަތުގައި ދެމިހުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ ހަތް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ބޭފުޅުންނަށް ވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވިދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވަޒީފާ އަދާކުރެވޭ އުމުރު 75 އަހަރަށް ބަދަލުކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.