ޕީއެންސީގެ މައި އޮފީސް ހުންނަ ހ. ވެޔޮވިލާގައި ގަވާއިދާ ހިލާފަށް އިމާރާތް ކުރި ކަމަށް ބުނެ ބޮޑު އަދަދަކުން ޖޫރިމަނާކުރީ މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީފައި އޮއްވާ ކަމަށް ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދާ ހިލާފަށް ހުއްދަ ހޯދުމަކާ ނުލައި އެ ބިމުގައި މަސައްކަތް ކޮށްފައިވާތީ އެ ގޭގެ ވެރިފަރާތް ކަމަށްވާ ޝަފީއާ ޒުބައިރު 128,545ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އެކަން ފާހަގަވީ މިދިޔަ ޑިސެމްބަރުގައި އިންސްޕެކްޝަނަށް ކައުންސިލުން ދިޔައިރު ކަމަށާއި އެ ކަންކަން ރަނގަޅު ކުރަން ތިން މަސް ދިނުމަށްފަހު، އިސްލާހު ނުކުރުމުން ޖޫރިމަނާކުރީ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ގޭގެ ވެރިފަރާތާ ހަވާލާދީ ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ގޭގައި އިމާރާތްކުރަން ސިޓީ ކައުންސިލްގެ ހުއްދަ ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ގޭގެ ވެރިފަރާތް އަތުގައި ގޭގެ ކުރެހުން ވެސް އެބައޮތް ކަމަށާއި ހުރިހާ އިންޖިނިއަރިން ޑްރޯވިންގްސް ވެސް އެބައޮތް ކަމަށެވެ. އަދި މި ހުރިހާ ކަމެއް ކޮށްފައި ވެސް އިމާރާތް ކުރުމުގެ މަސައްކަތް މަޑުޖެހިފައި އޮތީ އޭރު އެ ގެ ހަދަން ވެސް. އެތާގައި އިމާރާތެއް އަޅަން ބޭނުންވީ ބަދަލުތަކެއް ގެނެސްފައި ކަމަށް ވުމުން ކަމަށް ގޭގެ ވެރިފަރާތުން ބުންޏެވެ.
ކުރެހުމަށް ބަދަލު ގެންނަން ޖެހޭތީ އަނެއްކާ ވެސް ކައުންސިލްގެ ހުއްދަ ނަގަން ޖެހޭތީ އެކަން ކައުންސިލަށް އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގެ ހުންނަ ބިމުގައި އިމާރާތެއް އެޅުމަށް ކައުންސިލުން ހުށަހަޅަން އެންގި ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައިވާ ކަމަށާއި އަދި ކުރެހުމަށް ބަދަލު ގެނައުމަށް ކައުންސިލުން އެންގި ހުރިހާ ބަދަލެއް ވެސް ގެނެސްފައިވާނެ ކަމަށް ގޭގެ ވެރިފަރާތުން ބުނެފައިވާނޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ އޮފީސް ބަދަލު ކުރުމުގެ ތެރޭގައި އެ ގޭގެ ކުރެހުންތަކާއި ލިޔެކިޔުންތައް ގެއްލިގެން އުޅޭ ކަމަށް މީހެއްގެ ފަރާތުން މައުލޫމާތު ލިބުނު ނަމަވެސް ކައުންސިލުން އެކަން އަންގާފައި ނުވާ ކަމަށް ވެސް ގޭގެ ވެރިފަރާތުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގޭގެ ވެރިފަރާތުގެ އަތުގައި ކައުންސިލުން އޭރު ދީފައި އޮތް ހުއްދައިގެ އޮރިޖިނަލް އާއި އޭގެ ކޮޕީއެއް ވެސް އޮތް ކަމަށާއި މިހާރު އެ އިމާރާތް ކުއްޔަށް ހިފައިގެން އުޅޭ ފަރާތަށް ހަވާލުކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ.
މީގެ ކުރިން އިދިކޮޅު އެމްޑީޕީ ދޫކޮށް ދިޔަ މެންބަރުން އުފެއްދި ޑިމޮކްރެޓްސްއިން ބޭނުންކުރި ހަރުގެ، ޕީއެންސީން ބޭނުންކުރަން ފެށީ ޖުލައި، 2024ގެ ކުރީކޮޅެވެ.
އޭގެފަހުން މަރާމާތުތަކަށް ފަހު، ފަސް ފަންގިފިލާއަށް އިމާރާތް ވަނީ އުސްކޮށްފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވި، އެ އިމާރާތުގައި ޕީއެންސީގެ ބޮޑު އޮފީހަކާއި ހަރުގެއެއް ވަނީ ހިންގަން ފަށާފަ އެވެ.
ޕީއެންސީއަކީ، މިހާރު ރާއްޖޭގައި ހިންގާ އެންމެ މެންބަރުން ގިނަ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތަކުން އެނގޭ ގޮތުގައި، 74،048 މެންބަރުން މި ވަގުތު އެ ޕާޓީގައި ތިބިއިރު، ޕީއެންސީގެ އަމާޒަކީ އެއް ލައްކަ މެންބަރުން ހަމަކުރުމެވެ.
ސްޓެލްކޯގެ އެމްޑީކަމުން ޝަމާހު ވަކިކޮށްފި
ސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި ބަލައިނުގަނެވޭނެ
ތުޅާދު އާއި ވިލުފުށީގެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި