ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދިން ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނިން ގަސްދުގައި ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް ދެ ޑޮކްޓަރެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.

މީރާއިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ ދެ ކުންފުނީގެ ވެސް ޑިރެކްޓަރެއް ކަމަށްވާ ޑރ. އިކްލީލް ޝަރީފާއި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ޑިރެކްޓަރެއް ކަމަށްވާ ޑރ. އަލީ އަބްދުالله ލަތީފްގެ މައްސަލައެވެ.

މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތަކެއްކަމަށް ފާހަގަކުރެވިފައި ވީނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީރާއިން ބެލިބެލުމުން ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީސީއާރް ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ދަށުން ހިންގަމުންގެންދާ "ޕާލް މެޑިކަލް ސެންޓަރު" ކްލިނިކު މެދުވެރިކޮށް އެހެނިހެން ހިދުމަތްތައް ފޯރުކޮށްދީފައި ވީނަމަވެސް، މި ހިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ މީރާއަށް ރިޕޯޓުކޮށްފައިނުވެ އެވެ.

ޕައިނިއާ މޯލްޑިވްސްއަކީ ޕީސީއާރް ޓެސްޓިން ހިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތްކަމާއި 2020 އަދި 2021ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް މި ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނެވެ. ނަމަވެސް، އެ ހިދުމަތުން ލި ބިފައިވާ އެންމެހައި އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާ ކަމަށް މީރާ އިން ބުންޏެވެ.

މިރާ އިން ބުނީ މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގާފައިވާނެ ކަމަށެވެ.

މީގެ އިތުރުން އެނގިހުރެ ސައްހަނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގައި މި މުއްދަތުތަކަށް މި ދެ ކުންފުނީގެ މާލީ ހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ، އަލީ ފަޔާޒުގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން ވަނީ އެދިފަ އެވެ.