މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން، ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. އަޙްމަދު އިނާޒް އިސްތިއުފާ ދެއްވުމާ ގުޅިގެން، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މި ސަރުކާރުގެ އިގްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕެންޝަން އޮފީހުގެ އެހީތެރިކަމާއެކު ގާނޫނާ ހިލާފަށް ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަމުންދަނިކޮށް އެ އޮފީހުގެ ޗެއާމަން އަހުމަދު އިނާޒު އިސްތިއުފާ ދެއްވާފައިވަނީ މިއަދު އެވެ.
އިނާޒް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުއްވައި، ޑިމޮކްރަސީގެ އުސޫލުތަކަށް ފުރަގަސްދެއްވަމުން ގެންދަވާ ކަމަށެވެ.
އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ މިސްރާބު ހުރީ އިގްތިސާދު ސުންނާފަތިވުމާ ދިމާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ދައުލަތުގެ މާލީ ނިޒާމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިޞްލާޙު ގެނައުމުގެ ނަމުގައި ސަރުކާރުން ދައްކާ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ފައްޔާޒް ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކަންކަން ތަންފީޒުކުރުމުގައި ފެންނަނީ ހަމައެކަނި ނާކާމިޔާބީ އާއި ގެއްލުމެވެ.
އިގްތިސާދީ ތަފާސްހިސާބުތައް ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވިގޮތުގައި، މިދިޔަ އަހަރުގެ ބަޖެޓުގައި ކަނޑައެޅި ހިލޭ އެހީގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ އެންމެ 15 އިންސައްތަ އެވެ. އަދި މިދިޔަ އަހަރަށް ބަލާއިރު، މުސާރައާއި އިނާޔަތްތަކުގެ ޚަރަދު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދައުލަތަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް، ޚަރަދުތައް ވަނީ އެއަށްވުރެ މާ ބާރަށް މައްޗަށް ގޮސްފައި. އަމިއްލަ ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ބިލިއަނުން ގުނާލެވޭ ފައިސާ އަދިވެސް ނުދައްކާ އެބަހުރި،" ފައްޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން ތަރައްގީގެ މަޝްރޫޢުތައް ހުއްޓި، ބޭރު ފައިސާގެ ސިޔާސަތު ނާކާމިޔާބުވުމުގެ ސަބަބުން ތަކެތީގެ އަގު އުފުލި، ރައްޔިތުން ތަކުލީފު އުފުލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕެންޝަން ބޯޑަށް ގެނައި ބަދަލުތަކާއި ފައިސާ ޗާޕުކޮށްގެން ދަރަނި އިތުރުކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ފައްޔާޒް ވިދާޅުވީ، މިއީ "އިންވެސްޓްމަންޓެއް" ކަމަށް ބުނެ ސަރުކާރުން ކިތަންމެ ވަރަކަށް ދިފާއުވާން އުޅުނު ނަމަވެސް، ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް މިކަން އޮޅުވައެއް ނުލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި 14 އިންސައްތައަށްވުރެ ބޮޑު އިންޓަރެސްޓެއްގައި ދަރަނި ނަގަންޖެހޭނެ ކަމަށާއި، މިއީ މިނިވަން ގައުމަކުން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާއެކު ފައްޔާޒު ވަނީ ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވި އިނާޒް ދެއްކެވި ސާބިތުކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މިފަދަ "ޚުދުމުޚުތާރު" ވެރިކަމަކާ ދެކޮޅަށް ތެދުވާނެ އިހުލާސްތެރި ބޭފުޅުން މިއަދު ގައުމަށް ނުހަނު ބޭނުންވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އޮކްޓޫބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފަ އެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ދަރިފުޅު ލިބުމަށްފަހު ސޯޝަލް މީޑިއާ ދޫކޮށްލަން ބޭނުންވި: އާލިއާ
އީރާނުގެ މުޒާހަރާ ތެރެއަށް އެމެރިކާއިން ވަދެ ހަމަނުޖެހުން ހިންގި
އަރިޖީތުގެ މިސްރާބު ސިޔާސީ ދާއިރާއަށް؟