ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ޖަމާކޮށްފައިވާ ޕެންޝަން ފައިސާ، މާލީ މުއާމަލާތްތަކެއްގެ ނަމުގައި ފައިސާ އިތުރުކުރުމުގެ ވަސީލަތަކަށް ހަދަން ނިންމުމަކީ ޕެންޝަން އޮފީހަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި، މާލީ ސެކިއުރިޓީޒްގެ ނަމުގައި ފައިސާ ޗާޕުކުރުމަށް މި ފަންޑު ބޭނުންކުރުމުގެ ސަބަބުން، އެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު މިހާރު ވަނީ މުޅިން ނެތިގޮސްފަ އެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާގެ ތެރެއިން 2.4 ބިލިއަން ރުފިޔާ ސަރުކާރުގެ ބޭނުންތަކަށް ދޫކުރުމަށް ނިންމި ނިންމުމާ ގުޅިގެން، ރައީސް މުހައްމަދު މުއިއްޒާއި ޕެންޝަން އޮފީހުގެ ބޯޑަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މިކަމާ ގުޅޭގޮތުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިއީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގައި ސަރުކާރު ނުކުޅެދުމުން، މިނިވަން މުއައްސަސާތަކުގެ މައްޗަށް ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ބޭއިންސާފު އަމަލެއް ކަމަށެވެ.

މި މުއާމަލާތް ހިންގުމަށް ސަރުކާރުން މަސައްކަތް ފެށުމާއެކު، ޕެންޝަން ބޯޑުގެ ޗެއާޕާސަނާއި، ބޯޑުގެ ދެ މެންބަރެއްގެ އިތުރުން ސީއެފްއޯ ވެސް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ. މީގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ބޯޑުގައި ތިއްބެވި މެންބަރުން ވެސް ހިމެނޭކަން ފާހަގަކުރެވެ އެވެ.

ފައިސާ އިތުރަށް އުފެއްދުމަށް ޕެންޝަން ބޯޑުން ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން ޝާހިދު އިތުރަށް ފާހަގަކުރެއްވީ، މިއީ ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ ބޮޑެތި ލޮޅުންތަކެއް އަރާނެ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މިކަން މަގާމުން އިސްތިއުފާ ދެއްވި ބޭފުޅުންނާއި އިގްތިސާދީ މާހިރުންގެ ވާހަކަތަކުން ސާފުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ސަރުކާރު ނުކުޅެދުމުގެ ހިތްދަތި ނަތީޖާ މުޅި ގައުމުގެ އިގުތިސާދުން ތަހައްމަލު ކުރަންޖެހުމަކީ ރައްޔިތުންނަށް ދެވޭ ބޭއިންސާފު އަނިޔާއެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

މި ބޮޑު މާލީ މުއާމަލާތުގެ ތަފުސީލުތައް ސިއްރުކުރުމުގެ ސަބަބުން، ޕެންޝަން އޮފީހަށް ރައްޔިތުން ކުރާ އިތުބާރު މުޅިން ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ދައުރުގައި މިނިވަން މުއައްސަސާތަކުގެ ބާރު ކެނޑި، މަސައްކަތްތައް ބަލިކަށިވަމުންދާ ދިއުމަކީ ރާއްޖެއަށް އިސްލާހީ ހެޔޮ ވެރިކަމެއްގެ ބޭނުންތެރިކަން އިންތިހާއަށް އޮތްކަމުގެ ހެއްކެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި މިފަދަ ނާޒުކު މައްސަލައެއްގައި މަޝްވަރާ ކުރުމެއްނެތި އަމިއްލަ އިސްނެގުމަށް ކަންކަން ނިންމުމަކީ ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މުއާމަލާތަކީ ގެއްލުން ހުރި ކަމެއް ކަމަށް ބުނެ، ޕެންޝަން ބޯޑުގެ ރައީސް އަހުމަދު އިނާޒާއި އަމިއްލަ ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަހުމަދު ސަރުވަޝް އާދަމް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ. ދައުލަތުގެ އިގުތިސާދީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި މި ނިންމުމުގެ ސަބަބުން ކުރިމަގުގައި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު އެ ބޭފުޅުން ދެއްވި އެވެ.

މީގެ އިތުރުން، ފިނޭންސް މިނިސްޓްރީގެ ފަރާތުން ބޯޑުގައި އިންނެވި އަޝްރަފް ރަޝީދާއި ސީއެފްއޯ ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އެނގިފައިވާ ގޮތުގައި މި ހުރިހާ ބޭފުޅުންވެސް މަގާމުން ވަކިވީ ބޮންޑާ ގުޅޭ މުއާމަލާތް ކުރިއަށް ގެންދަން އުޅުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ.

މި މައްސަލައާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، ޕެންޝަން އޮފީހުން ވަނީ އެ ބޯޑުގެ ނިންމުން ދިފާއުކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.

ދައުލަތުގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ފައިސާ ޗާޕް ނުކުރާނެ ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، މިހާރު މިވަނީ ފައިސާ ޗާޕްކޮށްފަ އެވެ.

މިކަމަށް ފާޑުވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕެންޝަން ފަންޑަށް އަތްލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށާއި އަދި ގައުމުގެ އިގުތިސާދު މިހާރު މިސްރާބު ޖަހާފައިވަނީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ކަމަށް ވިދާޅުވެފަ އެވެ.