އީރާނުގެ މިހާރުގެ ވެރިކަން ބަދަލުވުމަކީ ވެދާނެ އެންމެ ރަނގަޅު ކަންތައް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ މެދުއިރުމައްޗަށް އެމެރިކާގެ ދެވަނަ އެއާކްރާފްޓް ކެރިއަރެއް ފޮނުވުމަށް އަމުރުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

ނޯތު ކެރޮލައިނާގެ ފޯޓް ބްރެގް މިލިޓަރީ ބޭސްގައި ހުންނަވައި، އީރާނުގެ ވެރިކަން ބަދަލުކުރަން ބޭނުންފުޅުވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެއީ ވެދާނެ އެންމެ ރަނގަޅު ކަންތައް ކަމަށް ފެންނަ ކަމަށެވެ. އަދި ވޭތުވެދިޔަ 47 އަހަރު އީރާނުން ދިޔައީ ހަމައެކަނި ވާހަކަ ދައްކަމުން ކަމަށާއި، އެ ވާހަކަތަކުގެ ތެރޭގައި އެމެރިކާގެ ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ވެރިކަމާ ހަވާލުވާން ބޭނުންވަނީ ކޮން ބައެއްތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ އެކަމާ ބެހޭގޮތުން ވާހަކަދައްކަވަން ބޭނުންފުޅުނުވާ ކަމަށެވެ.

"އަޅުގަނޑު އެކަމާ ބެހޭގޮތުން ވާހަކަދައްކާކަށް ބޭނުމެއް ނޫން. އެކަމަށް މީހުން އެބަތިބި،" ޓްރަމްޕް ވިދާޅުވި އެވެ.

އީރާނުގެ ނިއުކްލިއަރ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން އެއްކޮށް ހުއްޓާލަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ދެވަނަ އެއާކްރާފްޓް ކެރިއަރު ގްރޫޕެއް ވަރަށް އަވަހަށް މެދުއިރުމައްޗަށް ފުރާނެ ކަމަށްވެސް އޭނާ ވަނީ ހާމަކުރައްވާފަ އެވެ.

ކެރީބިއަން ސަރަހައްދުގައި އޮތް ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް މެދުއިރުމައްޗަށް ބަދަލުކުރާ ރިޕޯޓްތަކާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، އެ މަނަވަރު ވަރަށް އަވަހަށް ފުރާނެ ކަމަށެވެ. އަދި އީރާނާއެކު އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި އެ މަނަވަރުގެ ބޭނުން ހިފަންޖެހޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.