މާލެ ކައިރީގައި އޮތް މަސް ދޯންޏެއްގައި މިއަދު މެންދުރު ފަހު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ދޯނި އަނދަމުން އެބަދެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ކުރުނބާ މޯލްޑިވްސް އަދި ދޫނިދޫ ކައިރިން ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު ފަހު 14:55 އެހާކަންހާއިރު އެވެ. ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންގެ ލޯންޗުތައް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާން ރޯވެފައިވަނީ 15 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގަ އެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ދޯނީގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފަ އެވެ. ވަކިން ހާއްސަކޮށް ދޯނީގެ ފަހަތުކޮޅުގައި އެއްކޮށްހެން ހުޅު ހިފާފައި ހުރި އިރު، ދުރު ސަރަހައްދުތަކަށް ވެސް އެ ސަރަހައްދުން އަރަމުންދިޔަ ކަޅު ދުންތައް ފެންނަން ހުއްޓެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި ދޯނީގައި ތިބި 15 މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ވެސް މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ކަނޑުމަތީގައި މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވާކަން ފާހަގަކުރެވެ އެވެ. މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ސާފުވަމުންދާ ވަރަކަށް ހާމަކުރަމުންދާނެ ކަމަށް ފުލުހުންނާއި އެމްއެންޑީއެފްއިން ބުނެ އެވެ.
ސަރުކާރުން ވޯޓަށް ނުފޫޒުފޯރުވަން އާ އުކުޅެއް
ކަންކަން ކުރެވެން އޮތީ ރައީސާއެކު ތިބިކަން ދައްކައިގެން: ގާސިމް
ބަލާ ފޫހި ނުވާނެ ހިތްގައިމު މަލުގެ ވާދީއެއް!