ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިހާރު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރު ފަސް ދުވަހަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ރީ-ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ބަންދުވާނީ އަންނަ ބުދަ ދުވަހު އެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ހަމައަށް ރީ-ރެޖިސްޓްރީ ކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުވެސް ކުރިއަށްދާނީ ކައުންސިލް އިންތިހާބާ އެކު އެއް ދުވަހެއްގަ އެވެ.

މި ބަދަލު ގެނައުމަށްޓަކައި ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހަކީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާހުގައި ވަނީ ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށާއި، 20 ވަނަ މަޖިލީހަށް ފަހު އިންތިޚާބުކުރާ މަޖިލިސްތަކުގެ ދައުރު ޑިސެމްބަރު 1 ގައި ފަށާ ގޮތަށް ބަދަލުކުރުމަށެވެ.

މި އިސްލާހު އެއްވެސް ބަދަލެއް ނެތި މިދިޔަ ހޯމަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވާއިރު، އޭގެ އަނެއް ދުވަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ވޯޓާ އެކު މަޖިލީހުން ވަނީ މި އިސްލާހު ފާސްކޮށްފަ އެވެ.

މަޖިލީހުން މި އިސްލާހު ފާސްކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް، ކައުންސިލް އިންތިޚާބާ އެކު ކުރިއަށް ގެންދިއުމަށް މިދިޔަ އަންގާރަ ދުވަހު ނިންމަވާފަ އެވެ.