ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ކެމްޕޭނަށް އެޗްޑީސީ އިން ހުރަސް އަޅަމުންދާ ކަމަށް އޭނާ ތުހުމަތު ކުރައްވައިފި އެވެ.

ޒާޔާ ވިދާޅުވީ ކެމްޕޭން ބޯޑުތަކާއި ޕޯސްޓަރުތައް ހަރުކުރުމުގެ ހުއްދައަށް އެދި އެޗްޑީސީ އަށް ހުށަހެޅިތާ މިއަދަށް ފަސް ދުވަސް ވެފައިވާއިރު، އެ ކޯޕަރޭޝަނުން އަދިވެސް އެކަމަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

ޒާޔާ ވިދާޅުވި ގޮތުގައި މެއިލްއަށް ޖަވާބު ނުދޭ ސަބަބު އޮޅުންފިލުވުމަށް އެޗްޑީސީއަށް ގުޅުމުން، އެ ހުއްދަ ނުދެވިގެން އުޅެނީ "މަތިން" ހިފަހައްޓާފައިވާތީ ކަމަށް ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ކެމްޕޭން މެނޭޖަރު އެޗްޑީސީއަށް މެއިލް އެއް ކޮށްގެން އުޅޭތާ ފަސް ދުވަސް މިވަނީ، އެ މެއިލް ގައި ވާނީ އަޅުގަނޑުގެ ކެމްޕޭނަށް ބޭނުންކުރާ ޕޯސްތަރުތަކާއި ކެމްޕޭން ބޯޑުތައް ހަރުކުރަން ހުއްދައަށް އެދިފަ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ޖަވާބެއް ނުލިބުނު. ގުޅީމަ ބުނީ ހުއްދަނުދެވިގެން އުޅެނީ މަތިން [ސަރުކާރުގެ ވެރިން] އެކަމަށް ހުރަސް އަޅާތީ ކަމަށް. މިއީ ސީދާ އަޅުގަނޑުގެ ކެމްޕޭން ކުރުމުހެ ހައްގަށް ގަސްތުގަ އަރައިގަތުން. މިކަން އަޅުގަނޑު ކުށްވެރިކުރަން،" ޒާޔާ ވިދާޅުވި އެވެ.

ޒާޔާ އިތުރަށް ވިދާޅުވީ މިއީ ރައީސް މުއިއްޒުގެ މި ސަރުކާރުން އޭނާއަށް ގަސްތުގައި ކުރާ ޖެއްސުމެއް ކަމަށާއި ކިތަންމެ ވަރަކަށް ޖެއްސުން ކުރިއަށް ކުޑަތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނޭ ކަމަށެވެ.

"އެޗްޑީސީ ވިޔަސް، ރައީސް މުއިއްޒު ވިޔަސް ކިތަންމެ ވަރަކަށް ޖެއްސުން ކުރިއަށް ފަހަތަށް ނުޖެހޭނަން، ނުވެސް ޖެއްސޭނެ، ބިރެއް ވެސް ނުދެއްކޭނެ، ކެމްޕޭނު ވެސް ކުރާނަން، ބޯޑުތައް ވެސް ޕޯސްޓަރުތައް ވެސް ހަރުކުރާނަން." ޒާޔާ ވިދާޅުވި އެވެ.

ޒާޔާގެ ފަރާތުން އޭނާގެ މެނޭޖަރު އިސްމާއިލް މީރާން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަށް ފޮނުއްވި ސިޓީގައި ހުއްދައަށް އެދިފައިވާއިރު، އެ ސިޓީގައި ބުނީ ކެމްޕޭން ޕޯސްޓަރުތަކާއި ބޯޑުތައް ހަރުކުރުމުގެ މަގުސަދަކީ ކެންޑިޑޭޓުގެ ސިޔާސަތުތަކާއި ތަސައްވުރު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. މިގޮތުން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ގިނަ ބަޔަކަށް ފެންނާނެ މުހިންމު ސަރަހައްދުތަކުގައި ބޯޑުތައް ހަރުކުރުމުގެ ހުއްދައަށް ވަނީ އެދިފަ އެވެ.

މި ސިޓީގައި ޔަގީންކަން ދީފައިވާ ގޮތުގައި، ހަރުކުރެވޭ ހުރިހާ ބޯޑުތަކެއް ވެސް ހުންނާނީ އެޗްޑީސީގެ ސައިޒާއި، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. އަދި މި ބޯޑުތަކުގެ ސަބަބުން ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް އެއްވެސް ދަތިކަމެއް ނުވާނެ ކަމަށް ވެސް ކެމްޕޭން ޓީމުން ބުނެފައިވެ އެވެ.

މީގެ އިތުރުން، ބޯޑުތައް ހަރުކުރުމަށް ދައްކަންޖެހޭ ހުރިހާ ފީތަކެއް ގަވާއިދުން ދައްކާނެ ކަމަށާއި، އިންތިހާބު ނިމުމާއެކު ވީ އެންމެ އަވަހަކަށް ބޯޑުތައް ނަގައި އެ ތަންތަން ކުރިން އޮތް ހާލަތަށް ރުޖޫއަ ކުރާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފަ އެވެ. ޒާޔާގެ ކެމްޕޭން ޓީމުން ވަނީ މިކަމާ ގުޅޭ އުސޫލުތަކާއި، ބޯޑުތައް ހަރުކުރެވޭނެ ސަރަހައްދުތަކުގެ ތަފްސީލު ހިއްސާކޮށްދިނުމަށް އެޗްޑީސީގައި އެދިފަ އެވެ.

ކެމްޕޭން ޓީމުން ސިފަކުރާ ގޮތުގައި، މިއީ އިންސާފުވެރި އަދި އިންތިޒާމުވެފައިވާ އިންތިޚާބީ މާހައުލެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެހެން ނަމަވެސް، އެޗްޑީސީގެ ފަރާތުން މިކަމަށް އެއްބާރުލުން ނުލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ފަރާތުން ފާހަގަކުރެ އެވެ. އަދި މިއީ ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ ކެމްޕޭން ކުރުމުގެ ހައްގަށް އަރައިގަތުން ކަމަށް ވެސް އެފަރާތުން ވަނީ ބުނެފަ އެވެ.

ޒާޔާ އަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެ ބުރަކޮށް ބަސައްކަތް ކުރާ އަދި ވަރަށް ކެރިގެން ހައްގުބަސް ބުނަމުން އަންނަ ކަނބަލެއް ކަންވެސް ފާހަގަކޮށްލަން ޖެހެ އެވެ.