އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ދަރިކަލުން އެރިކް ޓްރަމްޕްގެ މައްޗަށް ޖިންސީ ގޯނާ އާއި ރޭޕްގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ އެފްބީއައި ގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުންނެވެ.

މި މައްސަލަ ހުށަހެޅި ފަރާތުން ބުނާ ގޮތުގައި، ޓްރަމްޕްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވީ އަންހެނަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގަ އެވެ. އަދި މި ހާދިސާ ހިނގާފައިވަނީ ފިިހާރައެއްގެ ފިޓިން ރޫމެއްގެ ތެރޭގައި ކަމަށާއި، އެތަނުގައި ޑޮނަލްޑް ޓްރަމްޕާއި އެރިކް ޓްރަމްޕް އޭނާއަށް ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މީގެ އިތުރުން، މި މައްސަލައިގައި ބުނެފައިވަނީ ޖިންސީ ގޯނާގެ ހެކި ހޯދުމަށް ހެދި 'ރޭޕް ކިޓް' ތަކުން ޑޮނަލްޑް ޓްރަމްޕްގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގި ވަގުތު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމުގެ ހެކި ވެސް ލިބިފައިވާ ކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް މިއީ ސަރުކާރުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތަކުން ހުށަހެޅި ސީރިއަސް މައްސަލައަކަށް ވާތީ، ކަމާބެހޭ އިދާރާތަކުން މިކަން ބަލަމުންދާނެ ކަމަށް ބެލެވެ އެވެ.