ލުބުނާނުގެ ބައުލަބަކް ސަރަހައްދުގައި ހުންނަ ހިޒްބުﷲގެ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކެއްގައި، އެ ޖަމާއަތުގެ އިސް އޮފިޝަލަކާއެކު މަދުވެގެން 10 މީހުން މަރާލައިފި އެވެ.
ހުކުރު ދުވަހު ދިން މި ހަމަލާތަކަކީ ފާއިތުވި ހަފުތާތަކުގައި އިރުމަތީ ލުބުނާނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރޭގައި ހިމެނޭ ހަމަލާތަކެކެވެ. މިކަމުގެ ސަބަބުން، އެމެރިކާ މެދުވެރިވެގެން އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ގާއިމުކޮށްފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިތުރު ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
2024 ގައި ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން
އަހަރަކަށްވުރެ ގިނަ ދުވަހު ކުރިއަށްދިޔަ ކުރިމަތިލުންތަކަށްފަހު، 2024 ވަނަ އަހަރު އެމެރިކާ މެދުވެރިވެގެން ދެ ފަރާތުން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފަ އެވެ. ނަމަވެސް، އެއްބަސްވުމާ ހިލާފުވަމުންދާ ކަމުގެ ތުހުމަތުތައް ދެ ފަރާތުންވެސް ދަނީ ކުރަމުންނެވެ. އެމެރިކާ އާއި އިޒްރޭލުގެ އޮފިޝަލުން ލުބުނާނުގެ ސަރުކާރަށް ބާރުއަޅަމުންދަނީ ހިޒްބުﷲގެ ހަތިޔާރުތައް މަދުކުރުމަށެވެ. އިޒްރޭލުގެ މިފަދަ ހަމަލާތަކުގެ ސަބަބުން، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ބަލިކަށިވެފައިވާ އެ ޤައުމުގެ މަސްލަހަތު އިތުރަށް ގޯސްވެދާނެ ކަމަށް ލުބުނާނުގެ ލީޑަރުން ގެންދަވަނީ އިންޒާރު ދެއްވަމުންނެވެ.
މީގެ އިތުރުން، ލުބުނާނުގެ ދެކުނުގައި އޮންނަ ސައިދާ ސިޓީ ކައިރީގައި ހުންނަ ފަލަސްތީނު ރެފިއުޖީ ކޭމްޕެއް ކަމަށްވާ އައިން އަލް-ހިލްވާގައި ހުރި ހަމާސްގެ މަރުކަޒަކަށްވެސް ހަމަލާދީފައިވާ ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.
ލުބުނާނުގެ ރައީސް ޖޯސެފް އައޫން ވަނީ އިޒްރޭލުން ސައިދާ އަދި ބިޤާއު ސަރަހައްދަށް ދިން ހަމަލާތައް ކުށްވެރިކުރައްވާފަ އެވެ. މިއީ ލުބުނާނުގެ އިސްތިޤުލާލަށް އަރައިގަތުމުގެ އައު އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. އަދި ސަރަހައްދީ ހަމަޖެހުމަށް މަސައްކަތްކުރާ ޤައުމުތަކުން، ހާއްސަކޮށް އެމެރިކާއިން، މި ހަމަލާތައް ވަގުތުން ހުއްޓުވުމަށް އިޒްރޭލަށް ބާރުއެޅުމަށް ރައީސް އައޫން ގޮވާލެއްވި އެވެ.
ހަމާސް ޖަމާއަތުންވެސް ވަނީ އައިން އަލް-ހިލްވާއަށް ދިން ހަމަލާ ކުށްވެރިކޮށްފަ އެވެ. އިޒްރޭލުން އެއީ ހަނގުރާމަވެރިންގެ މަރުކަޒެއް ކަމަށް ބުނާ ބުނުން ދޮގުކުރަމުން ހަމާސްއިން ބުނީ، އެއީ ކޭމްޕުގެ ސަލާމަތީ ކަންކަން ބަލަހައްޓާ "ޖޮއިންޓް ސެކިއުރިޓީ ފޯސް" ގެ މަރުކަޒެއް ކަމަށެވެ.
ސަލާމަތީ މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި މި ހަމަލާތަކުގައި ހިޒްބުﷲގެ އިސް އޮފިޝަލަކު ވަނީ ޝަހީދުވެފަ އެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ހިޒްބުﷲއިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކުރަން ބޭނުން ކޮންމެ ކަމެއް މުޖާޒު ކުރާނެ!
ރަމަޟާން މަހުގެ ރޯދަ ހިފާ މަޝްހޫރު ބައެއް ފަންނާނުން!