ޓިކްޓޮކްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ އަހްމަދު އާމިރު (ބޫ) އުޅޭތަނެއް ނޭންގޭތީ ފުލުހަށް ހާޒިރު ކުރުމަށް އާއްމުކޮށް އިއުލާން ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހާޒިރުކުރަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.

" އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ" ފުލުހުން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

ތަކުރާރުކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރާ އަޙްމަދު ޢާމިރު (51އ)، ހ. ފިލިކުރިގެ / މާލެ، 10 މާޗް 16:00 ގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.