ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮށިތައް ބޭރުގެ އެއްވެސް ގައުމެއްގައި ނުބަހައްޓަނީ، މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދިވެހި ދަރިވަރުންގެ ވޯޓު ވެރިކަންކުރާ ޕީއެންސީއަށް ނުލިބޭނެކަން ޔަގީންވާތީ ކަމަށް، އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި އެމްޑީޕީން ކައުންސިލް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ރީރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި ސްރީލަންކާ އާއި މެލޭޝިއާގައި ވޯޓުފޮށި ބެހެއްޓުމަށް ރަޖިސްޓްރީވުމަށް ކަނޑައެޅީ މާބޮޑު އަދަދެއް ކަމަށެވެ.
އޭނާ ވިދާޅުވީ 2،000 މީހުންގެ އާބާދީ ހަމަނުވާ ކަމަށް ކަނޑައަޅައި، ސްރީލަންކާއާއި މެލޭޝިއާގައި ވޯޓު ފޮށި ނުބަހައްޓަން ނިންމިއިރު، 400 މީހުންގެ އާބާދީވެސް ހަމަނުވާ ރަށްރަށުގައި ފޮށިތައް ބަހައްޓާ ކަމަށެވެ.
މިއީ ދުވަހަކު ވެސް އެ ކޮމިޝަނުން އަމަލުކުރިގޮތެއް ނޫން ކަމަށާއި މިއީ ސަރުކާރު އަޑީގައި އޮވެގެން ޕީއެންސީއަށް ފައިދާ ހޯދުމަށް ކުރި ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މިއަދުވެސް ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ އެލަވަންސެއް ނުދެވޭ، އެހެންވީމާ އެ ފަރާތްތަކުގެ ވޯޓު ސަރުކާރަށް ނުލިބޭނެކަން ޔަގީންވާތީވެ އިލެކްޝަން ކޮމިޝަން ބޭނުންކޮށް، އެ ތަންތަނުގަ ވޯޓުފޮށި ބެހެއްޓުން އެއީ ނެތް ކަމެއްގެ ގޮތުގައި ހެދީ،" ވަހީދު ވިދާޅުވި އެވެ.
ބޭރު ގައުމުގައިގައި ވޯޓު ފޮށި ނުބެހެއްޓިޔަސް ގައުމުތަކުގެ އެމްބަސީތަކުގައި މަސައްކަތްކުރާ މީހުން ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސް ވޯޓު ލެވޭގޮތް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުޑުމަތި ފުސްވެ، ދިވެހިންގެ ނޭވާ ހާސްވުމުގެ މައްސަލައަށް ބޭނުން
ޔަހޫދީންނަށް ހިދުމަތް ކުރުމުގެ އެންމެ ޝަރަފުވެރި މެޑެލް މޯދީއަށް
ބޮޑު ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅު ކަމަށް ނަޝީދު ވިދާޅުވެއްޖެ
