އީރާނުގެ ރޫހާނީ ލީޑަރުގެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ، އީރާނުގެ އަވަހާރަވި ލީޑަރު އާޔަތުﷲ އަލީ ޚާމަނައީގެ ދަރިކަލުން މުޖްތަބާ ޚާމަނައީ، އިޒްރޭލުން ދިން ހަމަލާއެއްގައި ޒަޚަމްވެވަޑައިގެންފައިވާ ކަމަށް އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަހުގެ ހަމަލާއަށް ފަހު ލިބިފައިވާ އެސެސްމެންޓްތަކުން ދައްކާ ގޮތުގައި މުޖްތަބާ ޚާމަނައީ ޒަޚަމްވެވަޑައިގެންފައިވީ ނަމަވެސް ދުނިޔޭގައި އެބަ ހުންނެވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ފުރަތަމަ ހަމަލާގައި ތެހެރާނުގައި ހުންނަ ރޫހާނީ ލީޑަރުގެ ގެކޮޅަށް ދިން ހަމަލާގައި މުޖްތަބާ ޚާމަނައީގެ ބައްޕާފުޅު، މަންމާފުޅު، އަނބިކަނބަލުން އަދި ދަރިކަލުން ހިމެނިވަޑައިގަންނަވާ ގޮތަށް ޢާއިލާގެ ބައެއް ބޭފުޅުން ވަނީ އަވަހާރަވެފަ އެވެ. ހަނގުރާމަ ފެށުނީއްސުރެ މުޖްތަބާ ޚާމަނައީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. އަދި އެއްވެސް ބަޔާނެއް ވެސް ނެރުއްވާފައެއް ނުވެ އެވެ.
އީރާނުގެ މަޖިލިސް މެންބަރެއް ކަމަށްވާ ހުސައިން މުޒައްފަރީ ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާ ރޫހާނީ ލީޑަރެއް ހޮވުމަށް އެ މަޖިލީހުން ބައްދަލުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ބައެއް ރިޕޯޓުތައް ބުނާގޮތުގައި 88 މެންބަރުންގެ އެ މަޖިލީހުން މުޖްތަބާ ޚާމަނައީ ރޫހާނީ ލީޑަރަކަށް މިހާރު ވަނީ ހޮވައިފަ އެވެ. އީރާނުގެ ދީނީ ލީޑަޝިޕުން ރަސްމީކޮށް އެކަން އިއުލާން ކޮށްފައެއް ނުވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޚާމަނައީގެ ދަރިކަލުން ރޫހާނީ ލީޑަރަކަށް ހޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ އެފަދަ ނިންމުމެއް ވާނީ ބައްޕާފުޅުގެ ހަރުކަށި ސިޔާސަތުތައް ކުރިއަށް ގެންދިޔުން ކަމަށެވެ.
ކެމްޕޭނަށް ދިޔުމުން ޑެޕިޔުޓީ މިނިސްޓަރުކަމުން ވަކިކޮށްފި
ބީއެމްއެލްގެ އެންއޯޕީ ހުރީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި
އީރާނުގެ އަސްކަރީ ގާބިލުކަން ހުރި މިންވަރު ޔަހޫދީންނަށް ނޭނގެ