އީރާނަށް ދޭން ނިންމާފައިވާ ވަރުގަދަ ވައިގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި އެއްބަސްވުމަކަށް އައުމަށް އޮތީ އެންމެ ފަހު ފުރުސަތު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ވެރިކަން މުލުންލުހެލުމުގެ ކުރިން އެ ގައުމަށް އެންމެ ފަހު ފުރުސަތެއް ދޭން ބޭނުންވާ ކަމަށެވެ. އަދި ހޮރްމުޒް ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު ދިނުމަށް އީރާނުން އެއްބަސްވާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެ ތަނަކީ މިނިވަން ތަނަކަށް ވާންޖެހޭނެ ކަމަށާއި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމުގެ ފުރުސަތު އީރާނަށް ނުދެއްވާނެ ކަމަށެވެ. އޭގެ އިތުރުން އެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާއަށް ކަމަށް ވެސް އޭނާ ވިދާޅުވާ ވާހަކަ ތަކުރާރު ކުރެއްވި އެވެ.
އެމެރިކާގެ އަސްކަރީ ބާރު ބޭނުންކޮށްގެން ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރު ކުރުމުގެ ގާބިލްކަން އެބަހުރިކަން ޓްރަމްޕް ފާހަގަކުރެއްވި އެވެ.
އީރާނާއެކު ބާއްވާ މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި މަޝްވަރާތަކަކީ އީރާނުގެ އެދުމުގެ މަތިން އަދި ގަލްފުގެ ބައެއް ގައުމުތަކުގެ އެހީތެރިކަމާއެކު ކުރިއަށްދާ ވާހަކަތަކެއް ކަމަށެވެ.
"ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ހާއްސަކޮށް ގަތަރުގެ އެހީތެރިކަމާއެކު، އީރާނުގެ އެދުމުގެ މަތިން މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ،" ޓްރަމްޕް ވިދާޅުވި އެވެ. "ވަރަށް ގިނަ ގައުމުތަކުން ގުޅި. ނަމަވެސް މިކަން ކާމިޔާބު ނުވެއްޖެނަމަ، މިއީ ރަނގަޅު އެއްބަސްވުމެއްގައި ސޮއިކުރުމަށް އެމީހުންނަށް އޮތް އެންމެ ފަހު ފުރުސަތު."
މީގެ ކުރިން ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި އީރާނުގެ ވެރިންނަކީ އިންތިހާއަށް މަކަރުވެރި ބައެއްގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އީރާނުން ފުރަތަމަ އެދުނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށެވެ. ނަމަވެސް ފަހުން އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ބުނެ އީރާނުން ދޮގު ހަދާފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.
މީގެ އިތުރުން، އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް ނާދެވެނީސް އީރާނުގެ ދެކުނު ބަނދަރުތައް އެމެރިކާއިން ބްލޮކްކޮށްފައި އޮތް އޮތުން ކުރިއަށް ގެންދާނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވި އެވެ. ހޮރްމުޒް ކަނޑުއޮޅީގައި އެމެރިކާއިން ގާއިމުކޮށްފައިވާ ބްލޮކޭޑް ދަގަނޑު ފާރެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވީ، އެމެރިކާއިން ބޭނުންވެގެން ނޫނީ އެއްވެސް އެއްޗަކަށް އީރާނަށް ނުވަދެވޭނެ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އާ މަޝްވަރާތައް ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ޓްރަމްޕް ވަނީ އީރާނަށް ދޭން އުޅުނު ވަރުގަދަ ބޮމުގެ ހަމަލާތައް މަޑުޖައްސާލާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދެވޭ އެންމެ ވަރުގަދަ ހަމަލާ ދިނުމަށް އޮތީ ތައްޔާރުވެފަ އެވެ. ނަމަވެސް ގަލްފުގެ ގައުމުތަކާއި އީރާނުގެ ބައެއް އިސްވެރިންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލައި، ހާރިޖީ ގޮތުން މައްސަލަ ހައްލުކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމީ އެވެ.
އީރާނުގެ ހާރިޖީ ވުޒާރާއިން ބުނެފައި ވަނީ އެމެރިކާއާއެކު ސީދާ މަޝްވަރާއެއް ކުރަމުން ނުދާ ކަމަށާއި، ނަމަވެސް އޮމާނާއި ސަރަހައްދީ އެހެން ގައުމުތަކާ ގުޅިގެން މަޝްރަހު ފިނިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އީރާނުގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އެމެރިކާގެ އަސްކަރީ ހުރަސްތައް ދެމިއޮތްހާ ހިނދަކު ހޮރްމުޒް ކަނޑުއޮޅީގެ ހާލަތަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.
ހޯމަ ދުވަހު އީރާނުގެ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު އަތަބަކް ވަނީ ޕާކިސްތާނަށް ވަޑައިގެން، އެމެރިކާގެ ބްލޮކޭޑްގެ ސަބަބުން ދިމާވެފައިވާ ދަތިތަކުން ސަލާމަތްވުމަށް ޕާކިސްތާނުގެ ބަނދަރުތައް ބޭނުންކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ފާއިތުވި ޖޫން މަހު އެމެރިކާއާއި އީރާނާ ދެމެދު، ޕާކިސްތާނު މެދުވެރިވެގެން މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވުނު ނަމަވެސް، އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތަކެއް ވަނީ ހިނގާފަ އެވެ. ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު ސަރަހައްދެކެވެ.
މަހުދީގެ މަރުގެ ސެޓްފިކެޓް ބަދަލުނުކޮށްދޭތީ އާއިލާގެ ކަންބޮޑުވުން
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
