ރިސޯޓު ހަދަން އަލަށް ދޫކުރަން ނިންމާފައިވާ 16 ރަށާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި 43 ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީއިން ބުނީ އަލަށް ތަރައްގީކުރުމަށް ނިންމާފައިވާ ރަށްތަކުގެ މައުލޫމާތު 97 ފަރާތްތަކުން ރަޖިސްޓަރީ ކޮށްފައިވާއިރު އެތަނުން މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ 43 ފަރާތްތަކުން ކަމަށެވެ. އަދި މިއީ މިހާތަނަށް މި ސަރުކާރުން ރިސޯޓު ހަދަން ބާޒާރަށް ނެރުނު ރަށްތަކެއްގެ މައުލޫމާތު ހޯދުމަށް އެންމެ ގިނަ މީހުން ބައިވެރިވި ފަހަރުކަން ވެސް އެ މިނިސްޓްރީއިން ފާހަގަ ކުރެ އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް ދާއިރާއަށް އިތުރު އެނދު ތައާރަފުކުރުމުގެ މަގުސަދުގައި ބާޒާރަށް 16 ރަށެއް ނެރުމަށް ނިންމާފައިވާއިރު އެ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހު 10:00 އާ ހަމައަށެވެ.