އީރާނުގެ އެންމެ މަތީ ލީޑަރު ނުވަތަ ސްޕްރީމް ލީޑަރުގެ މަގާމަށް އަލީ ޚާމަނާއީގެ ދަރިކަލުން މޮޖްތަބާ ޚާމަނާއީ އައްޔަންކުރުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް ކުރީގެ ސުޕްރީމް ލީޑަރުގެ ދަރިކަލުން މޮޖްތަބާ ޚާމަނާއީ އައްޔަންކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން އިއުލާންކޮށްފައިވަނީ ރޭގަ އެވެ.
މޮޖްތަބާ އަކީ އެއްވެސް އިރެއްގައި ވެރިކަމަށް ކުރިމަތިލައްވާފައި ނުވާ ބޭފުޅެއް ނަމަވެސް، އޭނާ އަކީ ކުރީގެ ސުޕްރީމް ލީޑަރާ ވަރަށް ގާތުން މަސައްކަތް ކުރައްވައި އަދި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
އުމުރުން 56 އަހަރުގެ މޮޖްތަބާ ސުޕްރީމް ލީޑަރަކަށް ގެނައުމަށް އާއްމުކޮށް ވާހަކަ ދެކެވިފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާނުގެ އާ ސުޕްރީމް ލީޑަރެއްގެ ގޮތުގައި އައްޔަން ކުރަންވާނީ އޭނާގެ ރުހުން އޮތް ބޭފުޅެއްކަމަށެވެ. އަދި އޭނާގެ ރުހުން ނެތް ބޭފުޅަކު އައްޔަންކޮށްފި ނަމަ އެ މީހަކު ވެސް ބަލައި ނުގަންނާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައިވެ އެވެ.
އޭގެ އިތުރުން އިޒްރޭލުން ވެސް ވަނީ އީރާނުގެ އާ ސުޕްރީމް ލީޑަރަކު އައްޔަން ކުރުމަށް ހާއްސަ ކައުންސިލްގެ ބައްދަލުވުން ބޭއްވުމަށް ކުރި މަސައްކަތަށް ހުރަސް އަޅައި، އެތަނަށް ބޮން އަޅައިފަ އެވެ. އަދި އާ ސުޕްރީމް ލީޑަރަކު އައްޔަން ކުރި ނަމަވެސް އެ ބޭފުޅަކު ވެސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިޒްރޭލުން އިންޒާރު ދީފައިވެ އެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ މޮޖްތަބާ ޚާމަނާއީ އަކީ އެ މަގާމަށް "ބަލައިގަނެވޭނެ ފަދަ ވަލީއަހުދެއް ނޫން" ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އީރާނުގެ އާ ލީޑަރަށް ނިސްބަތްކޮށް ނުސީދާކޮށް މަރުގެ އިންޒާރު ދެއްވާފަ އެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، ލީޑަރަކަށް ވާން ބޭނުންވާ ކަމަށް ފެންނަ ކޮންމެ މީހަކުވެސް ނިމިގެންދަނީ މަރުވެގެން ކަމަށެވެ. މި ބަޔާނަކީ އީރާނުގެ އާ ލީޑަރަށް އަމާޒުކޮށް ދެއްވި ސީދާ އިންޒާރެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އީރާނުގެ ވެރިކަމުގެ ނިޒާމަށް އަންނަ މި ބަދަލާ މެދު އެމެރިކާއިން ގެންގުޅޭ ހަރުކަށި ސިޔާސަތު މިވަނީ އަނެއްކާވެސް ހާމަވެފަ އެވެ.

ރަސްމާލެއިން ދޫކުރާ ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި
ބަހުރެއިންގެ ތެޔޮ ކާރުހާނާއަކަށް ހަމަލާދީ އޮޕަރޭޝަން ހުއްޓުމަކަށް
މައްކާގެ ގަޑިބުރުގެ ހަނދުފަޅީގައި ކުޑަ މިސްކިތެއް!