މިއަހަރުގެ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ތިން ދުވަހުގެ މުއްދަތަށް "އީދު ހަވީރު 1447" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން އެމްއެންޑީއެފުން ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހަރަކާތްތައް ފަށާނީ އީދު ދުވަހުގެ ހަވީރު 16:00 ގައި ކަމަށެވެ. މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ. ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދާއި ވިލިމާލެ ފުޓްބޯޅަ ދަނޑުގައި ވެސް ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން އީދު ދުވަހު ސަލްޓަން ޕާކް ހުޅުވަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހަވީރުގައި އެކި ކަހަލަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އީދު ހަދިޔާ ދިނުން އޮންނާނެ އެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުގައި ތަފާތު ތީމުތަކަށް، ކުޑަކުދިން ގަޔާވާނެ ގޭމްތަކާއި ހަރަކާތްތައް ހިމެނޭނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފްގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ސިފައިންގެ ޔުނީފޯމްތަކާއި ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ ެވެ. މި ހަރަކާތުގައި ބައިވެރިވާ ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ، އެމްޓީސީސީ އަދި މިފްކޯ ހިމެނެ އެވެ.