މާލެ އާއި ތިލަފުށި އަދި ވިލިމާލާގެ އިތުރުން ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރުމަށް އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީ ކޮލިފައިކޮށްފައި ވެއްޖެ އެވެ.

މާލެ- ތިލަފުށި ބްރިޖު މަޝްރޫއަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ އަންނަ ބުދަ ދުވަހެވެ.

ދިވެހި ސަރުކާރުގެ ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުޅުވާލާފައިވާ މި ޓެންޑަރުގައި ބައިވެރިވުމަށް އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ވަނީ އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީކޮލިފައިކޮށްފައިވާ އިންޑިއަން ހައިކޮމިޝަނުން ބުނެފައިވެ އެވެ. އަދި އެއީ ބްރިޖުގެ މަސައްކަތްކުރަން ގާބިލު ކުންފުނިތައް ކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ބްރިޖުގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރިި ހަތަރު ކުންފުނީގެ ނަން ހާމައެއް ނުކޮށް ހައި ކޮމިޝަނުން ބުނީ ބްރިޖުގެ މަޝްރޫއު ނިމި، ބްރިޖު ބޭނުން ކުރަން ފެށުމުން މާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅާލަދޭ ބްރިޖު ވާނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހި ކުރުވާނެ އިންޖީނަކަށް ކަމަށެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ އެ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ތަރައްގީ ކުރެވެމުންދާ ގުޅީފަޅު ޕޯޓުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށް ކޮންމެހެން މުހިންމު ބްރިޖު އަދި ކޯޒްވޭއެއް ކަމަށެވެ.

މިހާރުގެ ސަރުކާރުން އިއުލާންކޮށްފައިވާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއަކީ ވެސް މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުތަކާއި ކޯޒްވޭތަކުން ގުޅުވައިލުމަށް ހިންގާ ބޮޑު މަޝްރޫއެވެ. "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފަ އެވެ.

ދެ އަހަރުގެ ތެރޭގައި ބްރިކުގެ ހުރިހާ މަސައްކަތެއް ނިމި ބޭނުން ކުރެވޭނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރު ވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.

އެ މަޝްރޫއުގައި ހިމެނޭ ކޮންމެ ރަށެއްގެ ދޭތެރޭގައިވާ ކަނޑުއޮޅިތަކުގައި 140 މީޓަރުގެ ނެވިގޭޝަން ބްރިޖަކާއި ފުން ކަނޑުގައި 1.41 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓަކާއި ތިލަ ކަނޑު އަދި އެއްގަމުގައި 2.23 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި 2.96 ކިލޯމީޓަރުގެ އެޑް ގްރޭޑް މަގުތައް ބިނާ ކުރެވޭނެ އެވެ.

މީގެ އިތުރުން މާލެ އާއި ވިލިމާލެ ގުޅޭ ސަރަހައްދުތަކުގައި ސިގްނަލައިޒްޑް ޖަންކްޝަންތަކާއި، ގުޅީފަޅު އަދި ތިލަފުށީގައި ރައުންޑް އެބައުޓްތައް ހިމެނޭނެ އެވެ. އަދި ކޮންމެ ރަށެއްގައި ވެސް މެއިންލައިން އާއި ގާތް ޖަންކްޝަން ތަކުގައި ބަސް ޓާމިނަލްތައް ގާއިމްކޮށްފައި ހުންނާނެ އެވެ.

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލަން ހަމަަޖައްސާފައި އޮތީ ތިން ބްރިޖުންނެވެ. ބްރިޖުގެ ސާވޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. ބްރިޖް މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެ އެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެ އެވެ.