އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށްދަނީ ތާވަލުގައި ރޭވިފައިވާ ވަރަށް ވުރެ ވެސް މާ ބޮޑަށް ވެސް އަވަހަށް އަދި ފުރިހަމައަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ހަނގުރާމަ ފެށުނު ފަހުން ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އެއްބަސްވުމަކަށް އައުމަށް ތެހެރާނަށް ބާރުއަޅުއްވާފަ އެވެ.
އެމެރިކާ އާއި އިޒްރޭލް ގުޅިގެން ފެށި އަސްކަރީ ހަމަލާތަކަށް ގާތްގަނޑަކަށް މަހެއްވާން ކައިރިވެފައިވާއިރު، ޓްރަމްޕް ވަނީ ކުރިން ލަފާކުރި ހަތަރެއް ނުވަތަ ހަ ހަފުތާގެ މުއްދަތަށް އަލިއަޅުވާލައިފަ އެވެ.
"އެމީހުންނަކީ ހަނގުރާމަވެރިންގެ ގޮތުގައި ބަލާއިރު، ހުރިހާ ގޮތަކުން ވެސް މާ ދަށް ބައެއް، އެކަމަކު އެމީހުންނަކީ މަޝްވަރާކުރުމުގައި ވަރަށް މޮޅު ބައެއް. އެމީހުން މިހާރު ތިބީ އެއްބަސްވުމަކަށް އައުމަށް އާދޭސްކުރާ ހާލަތުގައި،" ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ޓްރަމްޕް އިތުރަށް ވިދާޅުވީ އީރާނުގެ ސަރުކާރުން މިހާރު ބަލި ގަބޫލުކުރަމުންދާ ކަމަށާއި، ހަނގުރާމައިގެ މިޝަން ފުރިހަމަކުރުމަށް ލަފާކުރި މުއްދަތަށް ވުރެ މާ އަވަހަށް ކަންކަން ހާސިލްވަމުންދާ ކަމަށެވެ. އަދި އީރާނުން ހެޔޮނިޔަތް ދެއްކުމުގެ ގޮތުން 10 ތެޔޮ ޓޭންކަރަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ދީފައިވާ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް އެހީތެރިވުމަށް ނޭޓޯގެ ގައުމުތަކުން ދެކޮޅު ހެދުމުން ޓްރަމްޕް ވަނީ އެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވަކިން ހާއްސަކޮށް އިނގިރޭސިވިލާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްވިކަން ފާހަގަކުރައްވައި، އެ ގައުމުގެ މަނަވަރުތަކަކީ އެމެރިކާގެ މަނަވަރުތަކާ އަޅާބަލާއިރު "ކުޅޭކުޅޭ އެއްޗެހި"ތަކެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވި އެވެ.
އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް މި ބައްދަލުވުމުގައި ކަށަވަރުކޮށްދެއްވި ގޮތުގައި، ޕާކިސްތާން މެދުވެރިކޮށް އީރާނަށް ވަނީ 15 ނުކުތާގެ "އެކްޝަން ލިސްޓެއް" ފޮނުވާފަ އެވެ.
ވިޓްކޮފް ވިދާޅުވީ އީރާނުން އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް އޮތް ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެމެރިކާއާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.
ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ މި އޮޕަރޭޝަނުގެ މަގްސަދަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދިނުން ކަމަށެވެ. މި ބައްދަލުވުމުގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެއްބަސްވުމުގެ މުއްދަތު އިތުރު ކުރިކަން ޓްރަމްޕް އިއުލާންކޮށްފި
އަހަރުގެ އެންމެ ރީތި ތަރީގެ ޝަރަފު އޭން ހެތަވޭއަށް!
މީދާ ވިހަ ފެނުނު "ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާ މަނާކޮށްފި