ދިރާގުން ނިމިދިޔަ ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް "ޑޮނޭޓް އަ މީލް" އަދި "ޑޮނޭޓް ޓު އަ ފެމިލީ" ޕްރޮގްރާމްގެ ދަށުން 213،998 ރުފިޔާގެ އެހީ ހަދިޔާކޮށްފި އެވެ.

ދިރާގުން ބުނިގޮތުގައި މީގެ ތެރޭގައި ދިރާގުން ހަދިޔާކުރި 180،000 ރުފިޔާގެ އިތުރުން ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް އާންމުންގެ ފަރާތްތަކުން ލިބިފައިވާ އެހީ ހިމެނެ އެވެ. މި ގޮތުން، ދިރާގުން ވަނީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާއި ގުޅިގެން "ޑޮނޭޓް އަ މީލް" ޕްރޮގްރާމް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް މީލް ޕެކް ބަހާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން 1,000 މީލް ޕެކް ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި، ކަސްޓަމަރުން ވަނީ ދިރާގުޕޭ މެދުވެރިކޮށް މި ހަރަކާތައް އިތުރު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ މާލެ ސަރަހައްދުގައި ހިމެނޭ މިސްކިތްތައް ކައިރީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދިރާގުގެ މުވައްޒަފުން ވެސް އަމަލީގޮތުން ބައިވެރިވެ މީލް ޕެކްތައް ބަހާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ "މަމްސް އެއިޑް" އާ ގުޅިގެން ދިރާގުން ވަނީ ދިރާގުޕޭ މެދުވެރިކޮށް "ރަމަޟާން އެއިޑް" ޕްރޮގްރާމްގެ "ޑޮނޭޓް ޓު އަ ފެމިލީ" ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީވުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފައި ކަމަށެވެ. މި ގޮތުން، ދިރާގުގެ ފަރާތުން މި ހަރަކާތައް އެހީތެރިވުމުގެ ގޮތުން 100 އާއިލާއަކަށް ކާބޯތަކެތީގެ ޒަރޫރީ ސާމާނު ހިމެނޭ "ކެއާ ބާސްކެޓް" ފޯރުކޮށްދީފައިވާއިރު، އާންމުންގެ ފަރާތުން ވެސް ދިރާގުޕޭ މެދުވެރިކޮށް އިތުރު އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

މި ހަރަކާތް މެދުވެރިކޮށް އެހީތެރިކަން ފޮރުކޮށްދިނުމުގައި އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ދަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް އެއްބާރުލުންދީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.